ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާން އޭނާއާއެކު އެ ދާއިރާގައި މަސައްކަތްކުރާ އެހެން ތަރިންތަކަކަށް މަލާމާތްކުރާ ވީޑިއޯތަކެއް ފެންމަތިވެއްޖެ އެވެ.
ކަރީނާގެ މި ވީޑިއޯތައް ފެންމަތިވެފައި މިވަނީ މްރޫނާލް ތާކުރް ބިޕާޝާ ބާސޫގެ ބުރުސޫރައަށް މަލާމާތްކުރާ ވީޑިއޯއެއް ފެންމަތިވެ އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރެޑިޓްގައި މިހާރު އާއްމުކޮށްފައިވާ އެ ވީޑިއޯތަކުގައި ކަރީނާ މަލާމާތްކުރި ތަރިންގެ ތެރޭގައި ސްރީދޭވީއާއި އަމީޝާ ޕަޓޭލްގެ އިތުރުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހިމެނެ އެވެ.
2000 ވަނަ އަހަރު ނެރުނު ބަންސާލީގެ ފިލްމު "ދޭވްދާސް" އިން ފުރުސަތު ގެއްލުމުން ކަރީނާ ބުނެފައިވަނީ ބަންސާލީއަކީ އެއްވެސް އުސޫލުތަކެއް ނުގެންގުޅޭ އަގެއްނެތް ޑައިރެކްޓަރެއް ކަމަށެވެ.
އެއާއެކު ސްރީދޭވީގެ ފިލްމީ ހަޔާތުގައި އޭނާގެ އެއްވެސް ފިލްމެއް ހިޓްވެފައި ނުވާ ކަމަށް ވެސް ކަރީނާގެ ވީޑިއޯއެއްގައި އޭނާ ބުނެ އެވެ.
މީގެ އިތުރުން ވެސް ރިތިކް ރޯޝަންއާއި އަމީޝާ ޕަޓޭލް ފެނިގެންދިޔަ "ކަހޯނާ ޕިޔާރުހޭ"ގައި ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ސަމާލުކަން ބޮޑަށް ލިބުނީ އޭނާގެ ދަރިފުޅު ރިތިކްއަށް ކަމަށާއި އަމީޝާގެ މޫނުގައި ބިހިތައް ގިނަ ކަމަށް ވެސް ކަރީނާ ބުނެފައިވެ އެވެ.
މި ވީޑިއޯތަކާއެކު އާއްމުންގެ ފާޑުކިޔުން ކަރީނާއަށް އަންނަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.