ވޮޝިންޓަން (13 އޭޕްރީލް) - އެމެރިކާގައި ޖޯންސަންސް އެންޑް ޖޯންސަންސް (ޖޭ އެންޑް ޖޭ) ވެކްސިން ޖެހުން ވަގުތީ ގޮތުން މެދު ކަނޑާލައިފި އެވެ.
އެ ގައުމުގެ ސިއްހީ އޮފިޝަލުން ވިދާޅުވިގޮތުގައި އެ ނިންމުން ނިންމަން ޖެހުނީ އެ ވެކްސިން ޖަހާ މީހުންގެ ކިބައިން ލޭ ގަނޑުވުމުގެ މައްސަލަތަކެއް ފެންމަތިވުމުން ކަމަށެވެ.
ވައިޓް ހައުސްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ގައުމުގެ އެފްޑީއޭ އާއި ސީޑީސީގެ ލަފާގެ މަތިން މިވަގުތަށް ޖޯންސަންސް އެންޑް ޖޯންސަންސް ވެކްސިން ޖެހުން ހުއްޓާލާފައިވާ ކަމަށާއި ހުއްޓުމެއް ނެތި ވެކްސިން ޖެހުނު ކުރިއަށް ގެންދެވޭ ވަރަށް ފައިޒާ، މޮޑާނާ ވެކްސިން އެބަހުރި ކަމަށެވެ.
ވައިޓް ހައުސްގެ ކޮވިޑް ރެސްޕޮންސް ކޯޑިނޭޓަރު ޖެފް ޒިއެންޓްސް ވިދާޅުވީ މިހާތަނަށް މި ވެކްސިން ޖެހި ހަ މީހަކަށް މި މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ނިންމުމުގެ ސަބަބުން އެގައުމުގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށާއި އެ ވެކްސިން ދޭން ކުރިން ހަމަޖެހިފައިވާ މީހުންނަށް ދެން ދޭނާ ފައިޒާ އާއި މޮޑާނާ ވެކްސިން ކަމަށެވެ.
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ އެއް ޑޯޒުގެ ވެކްސިނެކެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވަނީ ހުވާކުރުމުގެ 100 ދުވަހުގެ ތެރޭގައި 200 މިލިއަން ވެކްސިން ޖެހުމަށް ނިންމަވާ އެ މަޝްރޫއު ފައްޓަވާފަ އެވެ. -- އަލް އަރަބިއާ