ރާއްޖޭ މިޑިއާތަކަށް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އެންގެވުމަށް ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރަކު ހުށަހަޅާފައިވާ ވުލް އަނބުރާ ގެންދިޔުމަށް ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.

ސަރުކާރު ފަރުމާކޮށް މަޖިލީހުގެ ނައިބު ރައީސް ނާޒިމް ހަވާލުކުރުމުން ސަރުކާރަށް ތާއީދުކުރާ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

އެ ބިލް ހުށަހެޅީ މީޑިއާތަކާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އެވެ.

މިއަދު އައިއެފްޖޭގެ ވެބްސައިޓުގައި އެ ޖަމިއްޔާއިން ބުނީ މީޑިއާތައް ރެގިއުލޭޓް ކުރެވޭނީ މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާ އާއި ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށެވެ. އެފަދަ ކަމެއް ކޮށްފައި ނުވުމަކީ ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ހަގީގީ މަގްސަދު ގެއްލޭ ކަމެއްކަން އައިއެފްޖޭއިން ބުންޏެވެ.

އެ ބިލްގައިވާގޮތުން އޭގެ ދަށުން އުފެދޭ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާގެ ތިން މެންބަރުން ތިބެ އެވެ. އަދި އެ ކޮމިޝަނުގެ ރައީސް ކަމަށް ބޭފުޅަކު އައްޔަންކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އެ ބިލްގައިވާގޮތުން ރަޖިސްޓްރީނުކޮށް މީޑިއާތައް ހިންގުމަކީ މަނާ ކަމެކެވެ. އަދި މީޑިއާތަށް ބޮޑެތި އަދަދުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ފަދަ ބޮޑެތި ބާރުތައް ހިމެނެ އެވެ.