ފުލުހުންގެ ތިޖޫރީން 30،000 ޑޮލަރު ގެއްލުނުތާ ހަފުތާއެއްހާ ދުވަސް ފާއިތުވިއިރު، މި މައްސަލައަކާ ގުޅިގެން ފުލުހުން އަދިވެސް އެ 30،000 ޑޮލަރު ގެއްލެން މެދުވެރިވި ސަބަބު ނުބުނެ އެވެ.

ފުލުހުން ހިފެހެއްޓި 30،000 ޑޮލަރު، ވީނުވީއެއް ނޭންގި ގެއްލުނުކަން ފުލުހުން ހާމަކުރީ މި ހިނގާ އޮގަސްޓް މަހުގެ 14 ވަނަ ދުވަހެވެ.

ފުލުހުން އޭރު ބުނީ އެ ފައިސާ އަކީ ސެޕްޓެމްބަރު 15، 2019 ގައި ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކެއް ކަމަށާއި، ފައިސާގެ ޖުމްލަ އަދަދު ދިމާނުވާކަން އެނގުމުން އެ މައްސަލަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައިގައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާ ބަހައްޓާފައިވާ ތަނުން ހަލާކުވެފައިވާ ފައިސާ އަޅައިފައިވާ ކޮތަޅެއް ފެނުމުން އެކަން ވެސް ފޮރެންސިކްސްއިން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން 30،000 އެއްހާ ޑޮލަރު ގެއްލި އެ މައްސަލަ ބަލަމުން އަންނައިރު މިއީ ސީދާ ކޮން މައްސަލައެއްކަން ވެސް ފުލުހުން އަދި މިހާތަނަށް ނުބުނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކާ ގުޅިގެން ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ވެސް ގެންދެއެވެ. އެހެން ގެންދާ ފައިސާއާއި މަސްތުވާތަކެއްޗާއި އަގު ބޮޑެތި އެހެން ސާމާނުތައް ވެސް މި ގޮތަށް ގެއްލޭ ކަމަށް ކުރިން ވެސް އަޑު ފެތުރެ އެވެ. އެހެން ނަމަވެސް މިއީ މިފަދަ ބޮޑު މައްސަލައެއް އުޅޭކަން ފުލުހުން ހާމަކުރި ފުރަތަމަ ފަހަރެވެ.