ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަނީ ހުދޫދެއްގެ ތެރެއިން ކަމަށާއި ކޮންމެ ހައްގެއް ވެސް އޮންނަނީ ވަކި އިމެއްގެ ތެރޭގައި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ވާހަކަދައްކަވައިފި އެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ޖާގަދެއްވާނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި އެކަމަށް ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އެ މަނިކުފާނުގެ ޕާޓީ އަޑީގައި އޮވެގެން މަޖިލީހަށް މިހާރު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް ގާނޫނެއް ފަރުމާކޮށް މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެ ގާނޫނުގެ ވާހަކަ ވިދާޅުނުވެ، ގައުމީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހއ. އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ހިޔާލު ފާޅުކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް ވެސް ވިސްނައިގެން ކަމަށެވެ. އަދި ގައުމަށް ތަރައްގީ ގެނައުމަށް ސަރުކާރުތަކުން ކުރަންޖެހޭ ކަންތައް ކުރާނެ ކަމަށާއި ހަގީގީ ކުރިއެރުމަކީ ކޮންމެ ރައްޔިތަކު ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިކުނޑި ތަރައްގީ ކުރަން ޖެހޭނީ. އަޅުގަނޑުމެންގެ ގައުމިއްޔަތު އަޅުގަނޑުމެންގެ ހިތުގައި އާލާކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަމިއްލައަށް ކުރުން އެއީ އެންމެ މުހިއްމު ކަންތައް. އޭރުން ގައުމެއް، ގައުމެއްގެ ގޮތުގައި ކުރިއަށްދާނީ،" ރައީސް ވިދާޅުވި އެވެ.

އެންމެން އެއް ވިސްނުމެއްގައި ގައުމު އިސްކޮށް، ދިވެހިވަންތަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ފަށަން ރައީސް ވަނީ ގޮވާލައްވައިފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ރީތި ސިފަތަކެއް ގެންގުޅުނު ބަޔަކު ދިިރިއުޅުނު ގައުމެއް ކަމަށާއި އެ ރީތި އާދަތައް މިހާރު ފިލައިގެން ދާން ފަށާފައިވާ ކަމަށެވެ.

ކޮންމެ މީހަކަށް ވެސް އަބުރަކާއި އިއްޒަތަކާއި ޝަރަފެއް ލިބިފައިވާ ފަދައިން އަނެކާއަށް ވެސް ހަމަ އެ ވަރަށް އިއްޒަތާއި ޝަރަފާއި އަބުރު ލިބިފައިވާކަން ގަބޫލުކޮށް، މީގެ ކުރިން ރާއްޖޭގައި ދިވެހިވަންތަކަށް އޮތް ގޮތަށް ކަންތައް ކުރަން އަޒުމް އާކުރުމަށް ވެސް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.

ރައީސް ވިދާޅުވީ އަތާއި ދޫ ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް އޮތް ވާޖިބެއް ކަމަށެވެ. އަދި ތިމާގެ ހައްގުތައް، އަނެކާގެ ހައްގުތަކަށް އަރައިގަންނަ ހިސާބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެބަ ލިމިޓުވާ ކަމަށާއި އެހެންވީމާ މި ގައުމުގައި މިއަދު ފެތުރެމުން މިދާ ނުބައި އޮއިވަރު އެއީ އަޅުގަނޑުމެންނަށް އަމިއްލައަށް ހުއްޓުވޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ފެންނަނީ އަނެކާއަށް ބެލުމެއް ނެތި އަމިއްލަ އެދުމާއިގެން ކުރިއަށްދާ ތަން ކަމަށާއި އެއީ ދިވެހިވަންތަ ގޮތެއް ނޫން ކަމަށެވެ.

އަމިއްލަ ޒިންމާ އަދާކުރުމުގައި ތެދުވެރިވެ، އަމާނާތްތެރިވުމަށް ގޮވާލައްވައި ރައީސް ވަނީ ގައުމަށްޓަކާ އަމާނާތްތެރިވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.