ވެސްޓްޕާކް ކައިރިއަށް ސްނޯކަލިންއަށް ފައިބައިގެން އުޅެނިކޮށް ގެނބިގެން އިއްޔެ މަރުވި، ޝައްފާން ރަޝީދަކީ އާދަޔާ ޚިލާފު ހުނަވެރި ފަޔާ ފައިޓަރެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އެއާޕޯޓް ރެސްކިއު އެންޑް ފަޔާ ފައިޓިންގައި ވަޒީފާ އަދާކުރާ ޝައްފާން މަރުވުމާ ގުޅިގެން އެމްއޭސީއެލް އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އޭނާ މަރުވުމުން އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި ޝައްފާނަކީ އާދަޔާ ޚިލާފު ހުނަރުވެރި ފަޔާ ފައިޓަރެއް ކަމަށާއި އަދި އެއީ ވަޒީފާއަށް ކަމޭހިތައި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ މުވައްޒަފެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

ޝައްފާން އެ ކުންފުނީގައި ވަޒީފާ އަދާކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އޭނާގެ ހަށިގަނޑު ފެނުނީ ސްނޯކްލިންއަށް ފޭބި ސަރަހައްދު 12.1 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ޝައްފާންގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ އޭނާއަކީ އާއްމުކޮށް ފީނަން ގޮސް އުޅޭ މީހެއް ކަމަށެވެ. އަދި އޭނާ ގެއްލުނުކަން އެނގުނީ ގެއަށް އާއްމުކޮށް އަންނައިރަށް ވުރެ ލަސްވުމުން ކަމަށް ވެސް އެ މީހާ ބުންޏެވެ.

"އޭނާ އާއްމުކޮށް ފީނަން ދާނީ މަންމަމެން ކައިރީގައި ބުނެފައި. އިއްޔެ ވެސް ބުނެފައި ދިޔަ ގޮތަށް ޚަބަރެއް ނުވެ މާބޮޑަށް ލަސްވީމަ އެމްއެންޑީއެފްއަށް ގުޅީ،" އޭނާ ބުންޏެވެ.

ޝައްފާން ކައިވެނިކުރީ މިމަހުގެ ހަވަނަ ދުވަހު އެވެ.