ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ދާއިރާތަކަށް ވާދަކޮށް ސަރުކާރު ހިންގާ މައި ޕާޓީ ބަލިވުމުން، އެކަން ގަބޫލު ނުކުރަން ވެގެން މާލޭ ދާއިރާތަކުގެ ވޯޓު ފޮށިތަށް އަލުން ގުނައިދޭން އެމްޑީޕީން އިލެކްޝަން ކޮމިޝަން (އީސީ)ގައި އެދިއްޖެ އެވެ.

މާލޭ ގިނަ ދާއިރާތަށް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ. މާލޭގެ މެޖޯރިޓީ ދަމަހައްޓަމުން އައި އެމްޑީޕީއަށް މިއީ ބޮޑު ނާކާމިޔާބީއެކެވެ.

އަލުން ގުނަން އީސީގައި އެދުނު ދާއިރާތަކަކީ:

  • ޓީ ތިނެއް - މެދު ހެންވޭރު ދާއިރާ
  • ހެންވޭރު ދެކުނު ދާއިރާ
  • ހެންވޭރު ހުޅަނގު ދާއިރާ
  • މައްޗަންގޮޅި އުތުރު ދާއިރާ
  • މާފަންނު އުތުރު ދާއިރާ
  • މާފަންނު ހުޅަނގު ދާއިރާ

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ހަ ފޮއްޓެއް އަލުން ގުނައިދިނުމަށް މިއަދު ހުށަހަޅާފައި ވަނީ އާދަޔާ ހިލާފަށް ބާތިލް ވޯޓުތައް ގިނަވެފައި ވާތީ ކަމަށެވެ. މީގެ ކުރީގެ ކައުންސިލް އިންތިހާބުތަކާ އަޅާ ބަލާއިރު މިފަހަރު ބައެއް ދާއިރާތަކުގެ ބާތިލް ވޯޓު 100 އިން މަތީގައި ހުރި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އީސީއިން ވޯޓު ކަރުދާސް ބާތިލް ކުރުމުގައި ތަފާތު ގޮތްތަކެއް މިފަހަރު ކަނޑައަޅާފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ. އެގޮތުން މޭޔަރު ވޯޓުގެ އެއް ބޭފުޅަކަށް ފާހަގަ ޖެހުމަށްފަހު ކައުންސިލަރުންގެ ގޮޅީގައި އެއްވެސް ފާހަގައެއް ނުޖެހުމުން މުޅި ވޯޓު ކަރުދާސް ބާތިލް ކަމަށް ނުބަލާ، އެއް ކަރުދާހުގައި ތަފާތު ވޯޓު ހުންނައިރު ވަކި ވޯޓެއްގައި ނުރަނގަޅު ފާހަގައެެއް ލުމުން މުޅި ކަރުދާސް ބާތިލް ކޮށްލާފައި އެބަހުރި ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

"އޭގެ މާނައަކީ މޭޔަރު ގޮޅީގައި ކުރެހުމުން ކައުންސިލަރުންގެ ވޯޓަށް އަސަރު އެބަ ކުރެޔޭ، ބާތިލު ވޯޓު ބެލުމުގައި އެކި ގޮތްގޮތަށް އެބަހުއްޓޭ އިލެކްޝަންސް ކޮމިޝަނުން ނިންމާފައި. މިދެންނެވި ޝަކުވާތައް ހުރުމުން އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުން މި އެދުނީ ހަ ފޮށި އަލުން ގުނައިދިނުމަށް،" ހަސަން ލަތީފް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ބައެއް ގޮޅި ގޮޅީގައި ކުރަހާފައި ހުންނަ ކަމަށާއި ކައުންސިލަރުންނަށް ރަނގަޅަށް ވޯޓު ދިނުމަށްފަހު މޭޔަރު ގޮޅީގައި ކުރަހާފައި އެބަހުރި ކަމަށެވެ. އެގޮތަށް ހުންނަ ވޯޓުގެ މުޅި ކަރުދާސް ބާތިލް ކޮށްފައި އެބަހުރި ކަމަށް ވެސް ލަތީފް ވަނީ ވިދާޅުވެފަ އެވެ.