ހޮލީވުޑްއަކީ ގިނަ ބައެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިން ދާއިރާއެއް ނަމަވެސް ދިގު މުއްދަތުގައި އެ ދާއިރާއިން ގިނަ މީހުންނަށް ލިބޭ ހިތްހަމަޖެހުން ވަރަށް ކުޑަ އެވެ.
ނަތީޖާއަކަށްވަނީ ހޮލީވުޑްއާއި އެމެރިކާ ދޫކޮށް އެހެން ގައުމުތަކަށް ދިރިއުޅުން ބަދަލުކުރާ ހޮލީވުޑް ތަރިންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވުމެވެ. މިހާރުވެސް ގިނަ ތަރިންތަކެއް ވަނީ މިކަން ކޮށްފަ އެވެ.
ސޯފީ ޓާނާ
ގޭމް އޮފް ތްރޯންސްގެ ތަރި ސޯފީ ޓާނާއާއި އޭނާގެ ކުރީގެ ފިރިމީހާ ޖޯ ޖޯނަސްގެ ކައިވެނި ރޫޅުމަށްފަހު ސޯފީ ވަނީ އޭނާގެ ދަރިންނާއެކު އިނގިރޭސި ވިލާތުގެ ލަންޑަނަށް ދިރިއުޅުން ބަދަލު ކޮށްފަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ އެމެރިކާގެ ހަލަބޮލި ސިޔާސީ މަޝްރަހާއި އިތުރުވަމުން އަންނަ އަނިޔާވެރިކަމުގެ ކުށްތަކެވެ.
އެލެން ޑި ޖެނެރެސް
މަޝްހޫރު ޓީވީ ހޮސްޓް އެލެން ޑި ޖެނެރެސްއާއި އޭނާގެ ބައިވެރިޔާ ޕޯޓިއާ ޑި ރޮސީ ވަނީ އިނގިރޭސި ވިލާތުގެ ރަށްބޭރުން ގެއެއް ގަނެ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ބުނެވޭ ގޮތުގައި އޭނާ އެމެރިކާ ދޫކޮށް ދިޔައީ މީޑިއާއާ ދުރަށް ދާށެވެ.
ލިންޑްޒީ ލޯހަން
2014 ވަނަ އަހަރު އެމެރިކާ ދޫކޮށް ދުބާއީއަށް ބަދަލުވި ލިންޑްޒީ ވަނީ ދުބާއީއަކީ އޭނާގެ ދާއިމީ އެޑްރެހަށް ހަދާފަ އެވެ. އަލުން އެމެރިކާއަށް ދިއުމުގެ ހިޔާލެއް ނެތް ކަމަށް އެކި ފަހަރު މަތިން އޭނާ ބުނެފައިވެ އެވެ.
ބްރިޓްނީ ސްޕިއާސް
މިފަހަކަށް އައިސް އެންމެ ބޮޑަށް މީޑިއާ ފުރައްސާރައިގެ ޝިކާރައަކަށްވި ބްރިޓްނީ ސްޕިއާސް މެކްސިކޯއަށް އޭނާގެ ދިރިއުޅުން ބަދަލުކުރީ ފުރައްސާރައިގެ ސަބަބުން އެމެރިކާގައި އިތުރަށް ދިރިއުޅެން އުނދަގޫ ވުމުން ކަމަށް ބުނެވެ އެވެ.
ލިލީ ކޮލިންސް
"އެމިލީ އިން ޕެރިސް"ގެ ތަރި ލިލީ ކޮލިންސްއާއި އޭނާގެ ފިރިމީހާ ޗާލީ މެކްޑޮވެލް ދިރިއުޅުމަށްޓަކައި ޚިޔާރުކުރީ އާއްމުކޮށް ހޮލީވުޑް ތަރިން ޚިޔާރު ނުކުރާ ފަދަ ތަނެކެވެ. ކޯޕަންހޭގަންގައި މިހާރު އެ އާއިލާ ދިރިއުޅެމުން އަންނަނީ ހޮލީވުޑްއާ ދުރު ދިރިއުޅުމެކެވެ.