ދެ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްއާއި އޭނާގެ ލޯބިވެރިޔާ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސް އެންގޭޖްވެއްޖެ އެވެ.
ޓޭލާއާއި ޓްރެވިސް އެންގޭޖްވި ކަން އިއުލާން ކޮށްފައިވަނީ އަންގާރަ ދުވަހު އެ ދެމީހުންގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ޕޯސްޓެއްގަ އެވެ.
"ތި އެންމެންގެ ޖިމް އިންސްޓްރަކްޓަރާއި އިނގިރޭސި ޓީޗަރު އުޅެނީ ކައިވެނި ކުރަން" ޓްރެވިސްއާއި ޓޭލާގެ އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ޓްރެވިސް ޓޭލާއަށް ކައިވެނި ހުށައަޅާފައިވަނީ އެކަމަށްޓަކައި ހާއްސަކޮށް ތައްޔާރު ކޮށްފައިހުރި ކަމަށް ބެލެވޭ މަލުގެ ބަގީޗާއެއްގަ އެވެ. އެ ޕްރޮޕޯޒަލްގެ ފޮޓޯތައް މިހާރު ދަނީ އިންޓަނެޓުގައި ދައުރުވަމުންނެވެ.
ޓޭލާއާއި ޓްރެވިސް އެންގޭޖްވި ނަމަވެސް އެ މީހުންގެ ކައިވެނި އޮންނާނީ ކޮން އިރަކު ކޮންތާކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ގިނަ ބަޔަކު އަންނަނީ އެ މީހުންގެ ކައިވެންޏަކީ ކުލަގަދަ ހަފްލާއަކަށްވާނެ ކަމަށް ބުނަމުންނެވެ.
ޓްރެވިސްއާއި ޓޭލާއަކީ ހޮލީވުޑްގައި މިވަގުތު އުޅޭ ޖޯޑުތަކުގެ ތެރެއިން އެންމެ ލޯބި އެއް ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ދެމީހުންނެވެ.