މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މިނިވަން ނޫސްވެރިކަން ނައްތާލާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިހުގެ އިދާރާގެ ބޭރުގައި މިއަދު ވެސް އިހުތިޖާޖުކޮށްފި އެވެ.
މި އިހުތިޖާޖުގައި ގިނަ އަދަދެއްގެ ނޫސްވެރިން މަޖިލިސް ކުރާ ގެ ކައިރީގައި ހަރަކާތްތެރިވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ހުރިހާ ނޫހެއްގެ ނޫސްވެރިން އަދި ސީނިއާ ބޭފުޅުން ހިމެނެ އެވެ.
ނޫސްވެރިން ތިބީ މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލާމެދު ދެކޭ ގޮތް ހާމަކޮށް ބޯޑުތަކެއް ހިފައިގެންނެވެ. އަދި މަޖިލިސް ކައިރީގައި ތިބެގެން ނޫސްވެރިން ދަނީ ބިލާމެދު ދެކޭ ގޮތް ހާމަކޮށް، މީޑިއާއާ ވާހަކަ ދައްކަމުންނެވެ.
މި އަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ބިލް ބަލައިގަތުމާ މެދު މިއަދު ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.
މަޖިލީހަށް ބިލު ހުށަހަޅައި، އޭގެ ބަހުސް ފެށީ މަޖިލީހުގެ ދެވަނަ ދައުރު ދަންމާލުމަށް ފަހު ބޭއްވި ޖަލްސާގަ އެވެ. މަޖިލިސް ގެލެރީގައި ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކުރަމުން ދިޔަ އެ ޖަލްސާގައި ވަނީ ބަހުސް އެއްކޮށް ނުނިންމައި ޖަލްސާ ކުރުކޮށްލައިފަ އެވެ.
ރާއްޖޭގެ އެކި މީޑިއާތަކުގެ މީހުން ބައިވެރިވެ ބިލާ ދެކޮޅު އެކި ލިޔުންތައް ހިފައިގެން ތިބެ މަޖިލިސް ބޭރުގައި އަޑު އުފުލުމަށް ފަހު މަޖިލިސް ފެށުމާ އެކު ވަނީ މަޖިލީހުގެ ގެލެރީއަށް ވަދެ އިހުތިޖާޖުކުރަން ފަށައިފަ އެވެ.
ޖަލްސާއަށް ވަޑައިގެންނެވި ބައެއް މެންބަރުންނާ ނޫސްވެރިން ބައްދަލުކޮށް ބިލަށް ވޯޓު ނުދެއްވުމަށް އެދެމުން ދިޔައިރު، ސަރުކާރުގެ ބައެއް މެންބަރުން ވަނީ ބިލާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކަންބޮޑުވުން ހުރި ނަމަ ކޮމިޓީ މަރުހަލާގައި ބަދަލުތައް ގެނެވިދާނެ ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.
ބިލާ ދެކޮޅުކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހާމަކޮށްފައިވާއިރު، އެ ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. ޕެޓިޝަންގައި ބުނެފައިވަނީ އެ ބިލް ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް އެއިރެއްގައި އޮންނަ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށް ކަމަށެވެ.