މަޝްހޫރު ރެސްލިން ލެޖެންޑް އަދި އެކްޓަރު ޑްވޭން ޖޯންސަން (ދަ ރޮކް)ގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުން ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ.
މިހާރު ކުރިއަށްދާ ވެނިސް ފިލްމް ފެސްޓިވަލްގެ ތެރެއިން އޮތް ނޫސްވެރިންގެ ބައްދަލުވުމަކަށް ދަ ރޮކް ދިޔައިރު އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ހިކިފައިވާކަން ފާހަގަކުރެވެ އެވެ.
އެކްސްގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުން އޭނާ ކުރިއަށްވުރެ ހިކިވެފައިވާއިރު ހަށިގަނޑުގެ ބިޔަކަން ވެސް ކުޑަވެފައިވާކަން އެނގެ އެވެ.
މި ފޮޓޯތައް އާއްމުވުމާއެކު އެއްބަޔަކު އޭނާގެ އެ ސިފައަށް ތައުރީފު ކުރަމުން ދާއިރު އަނެއް ބަޔަކު އަންނަނީ އޭނާގެ ސިއްހަތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބުނެވޭ ގޮތުގައި ދަ ރޮކްގެ ހަށިގަނޑަށް މި އައި ބަދަލަކީ އޭނާގެ ކުރިއަށް އޮތް ފިލްމު "ދަ ސްމޭޝިން މެޝިން"އަށް ހާއްސަކޮށް ގެނައި ބަދަލެކެވެ.
އެ ފިލްމުގައި ދަ ރޮކްގެ އިތުރުން އެމިލީ ބްލަންޓް މުހިއްމު ރޯލަކުން ފެނިގެންދާއިރު އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އެވެ.