ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވަން މިދިޔަ ޖުލައި 26 ވަނަ ދުވަހު ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ޑްރޯން ޝޯ އާއި ހަވާ އަރުވަން ކުރި ހަރަދު އެމްއޭސީއެލް އިން ސިއްރުކުކޮށްފި އެވެ.
އޮންލައިން ނޫސް "ސަން" އިން ފޮނުވި ސުވާލެއްގެ ޖަވާބުގައި އެމްއޭސީއެލް އިން ބުނީ އެ ރަސްމިއްޔާތައް ހޯދި ބައެއް ޚިދުމަތްތަކަކީ ތިންވަނަ ފަރާތަކާ އެކު ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތެއް ކަމަށެވެ. އެހެންވެ އެ މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށް އެ ކުންފުނިން ދިން ޖަވާބުގައިވެ އެވެ.
ޑްރޯން ޝޯ އާއި ހަވާއެރުވުން ނުހިމަނައި 18.9 މިލިއަން ރުފިޔާ އެ ރަސްމިއްޔާތަށް ހަރަދުވި ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މި ސަރުކާރަކީ އެއްވެސް ފޮރުވުމެއް ނެތި ކަންކަން ހާމަކުރާނެ ސަރުކާރެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިޔަސް ފެންނަމުން ދަނީ އެއާ އިދިކޮޅަށް ކަންކަން ވަމުންދާ ތަނެވެ.
ރައީސް އޮފީހަށް ހުށަހެޅި އާރްޓީއައިތަކަކަށް ވެސް ޖަވާބުދީފައިނުވެ އެވެ.