އެއްގަމު ހުރިހާ ވެހިކަލެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން އުވާލަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ދިން ލަފަޔާ އެއްގޮތަށް އަމަލުނުކޮށް އޮއްވައި ވަސާޖިއޯ އަށް "ގެއްލުންވަމުންދާ މައްސަލަ" ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ވަސާޖިއޯއިން މަޖިލީހަށް މައްސަލަ ހުށަހެޅީ މަސައްކަތް ހުއްޓުވައި، ޓްރާންސްޕޯޓުގެ ޖަވާބެއް ނުލިބި ލަސްވަމުންދާތީ އެ ކުންފުންޏަށް ގެއްލުންވަމުންދާ ކަމަށް ބުނެ އެވެ.

ޓްރާންސްޕޯޓުން އެއްބަސްވުން އުވާލަން ދެކޮޅު ހަދަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަސާޖިއޯއަށް ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ އެވެ.

ނަމްބަރު ޕްލޭޓް ހަދަން ޓްރާންސްޕޯޓުން ހުޅުވާލުމުން ތިން ކުންފުންޏަކުން ކުރިމަތިލި އެވެ. އެ ތިން ކުންފުނީގެ ތެރެއިން ވަސާޖިއޯއާ އެ މަސައްކަތް ހަވާލުކުރި އިރު އެއީ އެ މަސައްކަތް ކުރަން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ކަމަށް އޮންލައިން ނޫހަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ވަސާޖިއޯ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ވެރިންތަކަކާ، ވަސާޖިއޯ ކުންފުންޏާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށް ވެސް އެ ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް އެކަން އެ މިނިސްޓްރީއިން ވަނީ ދޮގުކޮށްފަ އެވެ.

ވަސާޖިއޯ ކުންފުންޏާއި ހަވާލުކުރި މަސައްކަތުގެ މަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ. ޖުމްލަ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެން ބޮޑު މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ. ނަމްބަރު ޕްލޭޓް ބީލަމުގައި ބައިވެރިވި ކުންފުންޏަކުން ކުރި ޝަކުވާތަކަކާ ގުޅިގެން މައްސަލަ ބެލުމަށް ފަހު ފިނޭންސުން ޓްރާންސްޕޯޓަށް އެންގީ ޓެންޑަ ބޯޑު މެދުވެރިކޮށް އެ ބީލަން އަލުން ކުރިއަށް ގެންދިޔުމަށެވެ.

ފީނޭންސުންނާއި އޭޖީ އޮފީހުން ވަސާޖީއޯ ކުންފުންޏާއެކު ހެދި އެއްބަސްވުން އުވާލަން އެންގުމުން ވެސް ޓްރާންސްޕޯޓުން ވަނީ އެކަން ކުރަން ދެކޮޅު ހަދައިފަ އެވެ.

އެކަމާ ގުޅިގެން ވަސާޖިއޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވިޝާމް ވިދާޅުވީ، އެ ކުންފުނީގެ ކަންބޮޑުވުމަކީ އެއްބަސްވުމުގައި ސޮއިކޮށް ނަމްބަރު ޕްލޭޓް ހެދުމަށް މެޝިންތައް ރާއްޖެ ގެނައި ފަހުން ކުއްލިއަކަށް މަސައްކަތް މަޑުޖައްސާލަން އެންގައި އެފަހުން އަމަލު ކުރަންވީ ގޮތް އަންގާފައި ނުވުމެވެ.

އަދި ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް އެތައް ސިޓީއެއް ފޮނުވައިގެން ވެސް އަމަލު ކުރަންވީ ގޮތުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.