ރަށުގެ އާބާދީ މަދުކަމުގައިވީ ނަމަވެސް، ބިމުގެ ގޮތުން ރަށް ބޮޑުނަމަ، އެ ރަށަކަށް ދޭ ބްލޮކްގްރާންޓް ބޮޑުކުރަން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ދިނުމަށް ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުވާތީ، އެއް ހަމައެއްގައި އެ ފައިސާ ދެވޭނެގޮތަށް ފިސްކަލް ފޯރމިއުލާ މުރާޖައާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލުވެސް ހުށަހެޅުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
މިގޮތަށް ބަދަލުގެންނެވުމަށް އެމަނިކުފާނު ނިންމެވީ، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދުނުވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން އަންނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އަންހެނުންގެ ކޮމެޓީތަކަށް ދެމުން އަންނަ ބަޖެޓް ދެގުނަ ބޮޑުކުރަން ވެސް ރައީސް ވަނީ ނިންމަވާފަ އެވެ.
ރައީސް ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުއްވުމުގެ ކުރިން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި ކައުންސިލްގެ ބަޖެޓުން މިހާރު ދެމުންގެންދާ ފަސް ޕަސެންޓް ދެގުނަކުރައްވައި، 10 ޕަސެންޓަށް ބޮޑުކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ.
ދެން ގެންނަން ނިންމި ބަދަލަކީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމެޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓްގެ ތެރެއިން ދޭގޮތަށް ހަމަޖެއްސުމެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ރަމަޟާން މަހުގެ އެލަވަންސް ދިނުމަށް ނިންމައި، މިދިޔަ އަހަރުން ފެށިގެން އެ އެލަވަންސްވަނީ ދޭން ފަށާފަ އެވެ.