ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭގެ ވަގުތެއްގައި ކޮވިޑް-19 ވެކްސިން ޖެހުމަށް ކަމަށް ބުނެ މާލެ ގެނައީ އެ މަނިކުފާނުގެ އާއިލާ އާއި ވަކީލުންނަށް ވެސް ނާންގައި ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރޭގެ ވަގުތެއްގައި ޔާމީން ވެކްސިން ޖަހުވަން އޭޑީކޭ ހޮސްޕިޓަލަށް ގެނައިކަން މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް) އިން ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.
ކަރެކްޝަނުން ބުނީ، ޔާމީން އޭޑީކޭއަށް ގެންނަނީ ވެކްސިން ޖަހަން ކަމަށް އެ މަނިކުފާނަށް އެގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުގައި މަޑު ކުރެއްވުމަށްފަހު ވެކްސިން ޖަހަން ޔާމީން އިންކާރު ކުރެއްވި ކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.
ވެކްސިން ޖަހަން ދެކޮޅު ހެދީ ކީއްވެގެން ކަމެއް ކަރެކްޝަނުން ނުބުނެ އެވެ.
އެކަމާ ގުޅިގެން މިއަދު ޑރ. ޖަމީލު ވިދާޅުވީ، ރައީސް ޔާމީނާ ހަމައިން މި ސަރުކާރުން އަމަލުކުރަނީ ލާއިންސާނީ ގޮތެއްގައި ގާނޫނާ ހިލާފަށް ކަމަށެވެ. ކުއްލި ގޮތަކަށް ޔާމީން ރޭ މާލެއަށް ގެނައިއިރު އެ މަނިކުފާނުގެ އާއިލާއަށާއި ވަކީލުންނަށް އެމަނިކުފާނު މާލެއަށް ގެންނަކަން އަންގާފައި ނުވަނީ ކީއްވެތޯ ވެސް ޑރ. ޖަމީލު ސުވާލު ކުރެއްވި އެވެ.
ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، މި މާތް މައްސަރުގައި ޔާމީން ކަނޑުމަތީގައި އެތައް އިރެއްވަންދެން ގެންގުޅުމާއި އެމަނިކުފާނާމެދު ކަންތައްކުރި އިހާނެތި ގޮތް ކުށްވެރިކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ރައްކާތެރިކަން ކަށްވަރުކޮށް ދިނުމަށް ވެސް ޑރ. ޖަމީލް ވަނީ ކަމާބެހޭ އިދާރާތްތަކުގައި އެދޭ ކަމަށް ވިދާޅުވެފަ އެވެ.
ރޯދަމަހާ ދިމާކޮށް ޔާމީން ގެއަށް ބަދަލު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ޔާމީން ނިސްބަތްވާ ޕީޕީއެމްއިން ގެންދަނީ ވެސް އެމަނިކުފާނު ސިއްހީ ހާލަތު ދަށްވެފައި ވަނިކޮށް ޖަލުގައި ގެންގުޅޭތީ ކަންބޮނޑުވުން ފައުޅުކޮށްފަ އެވެ.
ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.