މީޑިއާ ކޮންޓްރޯލް ކުރާ ބިލް ދިރާސާ ކުރާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ގާނޫނާ ހިލާފަށް ސިއްރު ކުރުމަށްފަހު، ބަންޑާރަ ނައިބު އަހްމަދު އުޝާމް އެ ބިލާ ގުޅޭގޮތުން ފޮނުވާފައިވާ ކޮމެންޓްތަކާ ގުޅޭގޮތުން ވާހަކަދައްކަން ފަށައިފި އެވެ.
އެކަމަކު އެ ކޮމިޓީ ސިއްރުކުރީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ހާމަވެދާނެ ކަމަށް ބުނެ އެވެ. އެ ކޮމިޓީ ސިއްރުކުރީ މަޖިލީހުގެ ގަވާއިދުގެ ކޮން މާއްދާއެއްގެ ދަށުންތޯ ކޮމިޓީގެ މުގައްރިރު ހުސައިން ރިޒާ އާދަމާ ނޫސްވެރިނ ސުވާލުކުރުމުން އޭނާ އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
އެނގިފައިވާގޮތުގައި ސިއްރު ކޮމިޓީގައި އުޝާމް ފޮނުވި ކޮމެންޓްތަކާ ގުޅޭގޮތުން މިހާރު އަންނަނީ ވާހަކަދައްކަމުންނެވެ. ނަމަވެސް އުޝާމް ފޮނުވި ކޮމެންޓްތައް ސިއްރުވާންޖެހޭ ސަބަބެއް ނޭނގެ އެވެ. އުޝާމް ކޮމެންޓްތައް ފޮނުވިކަން ވެސް މަޖިލީހުން ވަނީ ސިއްރުކޮށްފަ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ގަވާއިދާ ހިލާފަށް ސިއްރު ކުރަން މިއަދު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު، އަބްދުالله ޝަރީފެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ހުސައިނެވެ.
ކޮމިޓީ ސިއްރުކުރަން ދެއްކި ބަހަނާ އަކީ އާންމުންގެ ޒާތީ މައުލޫމާތު ހާމަވުމެވެ. އެ އުސޫލުން ބަލާނަމަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ޖަލްސާތައް ވެސް ސިއްރުކުރަންޖެހެ އެވެ. ސަބަބަކީ މަޖިލީހުގެ ޖަލްސާގައި ވެސް މީހުންގެ އަބުރަށް އަރައި މީހުންގެ ޒާތީ ވާހަކަތައް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް މެންބަރުން ދައްކާތީ އެވެ.
އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ވެސް މި ބަހަނާ ދައްކައިގެން ސިއްރު ކުރި އެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލް ދިރާސާކުރާ ކޮމިޓީއަށް މީޑިއާތައް ހާޒިރުކުރުމުން ވަނީ ފާޅުގައި އެ ބިލާ ދެކޮޅު ހަދައި އެ ބިލް އަނބުރާ ގެންދަން އެދިފަ އެވެ. އެގޮތުން 22 މީޑިއާ އަކުން ވަނީ އެ ބިލް ބޭރުކޮށްލުމަށް ކޮމިޓީގައި އެދިފަ އެވެ. އެ ބިލް އިސްލާހުކޮށްގެން ކުރިއަށްގެންދަން އެދުނީ އެންމެ މީޑިއާ އަކުންނެވެ. އެއީ އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ ސަންގު ޓީވީންނެވެ.