ފުވައްމުލަކުގައި ފެނުގެ ހިދުމަތް ކޮންމެ ދުވަހަކު ވެސް ކަނޑާލަމުންދާތީ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ކަންބޮޑުވުންފާޅުކުރަން ފަށައިފި އެވެ.

ފުވައްމުލަކުން ފެނުގެ ހިދުމަތް ކޮންމެ ރެއެއްގެ ދަންވަރު 12:00 އިން ފެށިގެން ހެނދުނު 6:00އަށް ކަނޑާލާތާ ހަފްތާއެއް ވެއްޖެ އެވެ. ފެނުގެ ހިދުމަތް ކަނޑާލަނީ ވޯޓާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މުހިންމު މަސައްކަތެއް ކުރުމަށް ކަމަށް ފެނަކައިން ބުންޏެވެ.

ފުވައްމުލަކުން "ހުރިހާ"އާ ވާހަކަދެއްކި ބައެއް މީހުން ކިޔައިންގޮތުގައި ކޮންމެ ރެއަކު ފެން ކަނޑާތީ ފާހާނާ ކުރުމަށް ވެސް ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މައްސަލަ ހައްލުވާން ނަގާނެ މުއްދަތެއް ނޭނގޭތީ ކަމަށް އޭނާ ކިޔައިދިނެވެ.

"ދުލުން ބަޔާން ކުރަންވެސް ދަތި އަޅުގަނޑުމެން މިކަމުގައި އުފުލަމުންދާ ތަކުލީފްތައް. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ކިޔައިދިނެވެ.

ފުވައްމުލަކުގެ ފެނުގެ ހިދުމަތުން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް ފެނަކައަށް ލިބޭއިރު، މި މައްސަލަ ހައްލުނުވެ ގިނަ ދުވަސް ވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އެރަށު ރައްޔިތުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފެނަކައިގެ ބަހެއް އަދި ނުލިބެ އެވެ.