ފ. ނިލަންދޫގައި އެއާޕޯޓް އަޅައި ހިންގަން އެމްއޭސީއެލްއާ ހަވާލުކޮށްފި އެވެ.
ނިލަންދޫ ރައްޔިތުންނާ ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓު އެޅުމަށް، ގާތްގަނޑަކަށް 1،500 މީޓަރު ދިގުމިނުގެ ރަންވޭއެއް އެޅޭ ގޮތަށް އެމްޓީސީސީން ބިން ހިއްކައި ނިންމަމުން އަންނަ ކަމަށެވެ. އިތުރު 300 މީޓަރުގެ ބިން ހިއްކަން ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެ އަހަރާއި ބައިގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިމޭނެ ކަމަށެވެ.
ނިލަންދޫގައި އެއާޕޯޓެއް އަޅަން ހަވާލުކުރިއިރު، އެ ރަށުން 15 މިނެޓްގެ ދަތުރެއްކޮށްގެން ދެވޭ މަގޫދޫގައި މިދިޔަ ސަރުކާރުން އަޅަން ފެށި އެއާޕޯޓްގެ މަސައްކަތް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ވަނީ 70 ޕަސެންޓް ނިމިފަ އެވެ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްގޮތަށް އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
އެއާޕޯޓްގެ މަސައްކަތް ހުއްޓިފައިވާތީ މަގޫދޫ ރައްޔިތުން ވަނީ މީގެކުރިން މުޒާހަރާ ވެސް ކޮށްފަ އެވެ.