އެޕްޓެމްބަރު މަހުގެ 25 ވަނަ ދުަވަހުގެ މެންދަމު 12:00 އިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓްރެފިކް ފްލޯއަށް ބަދަލުގެންނަން ނިންމައި އެކަމާ ބެހޭ ތަފްސީލް އެމްއޭސީއެލް އިން އާންމުކޮށްފި އެވެ.
އެމްއޭސީއެލް ބުދަ ދުވަހު އާއްމުކުރި ޓްރެފިކް ޗާޓްގައިވާ ގޮތުން 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އިން ފެށިގެން ވީއައިއޭގެ ޓްރެފިކް ފްލޯއަށް އަަންނާނެ އެންމެ ބޮޑު ބަދަލަކީ ވެހިކަލްތައް ވަންނަ މަގު ބަދަލުވުމެވެ. އެއާޕޯޓަށް ވެހިކަލްތައް ވަދެ ނުކުންނަން އެއް މަގު ބޭނުންކުރުމުގެ ބަދަލުގައި ހުރިހާ ވެހިކަލެއް ވެސް ދެން އެއާޕޯޓަށް ވަންނަން ބޭނުންކުރަން ޖެހޭނީ ކަނޑުތޮށި ކައިރީ އޮންނަ އެންމެ ބޭރު މަގެވެ.
މި ބަދަލުތަކާއި އެކު ބައެއް ފަހަރު ޓެކްސީ ކިޔޫގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހޭކަމުގެ ކަންބޮޑުވުން އެއާޕޯޓު ބޭނުންކުރާ ފަރާތްތަކުން ވަނީ ފާޅުކޮށްފަ އެވެ. މީގެ އިތުރުން އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކަށް، އެ ޓާމިނަލް ކުރިމަތީ އޮންނަ ބޮޑު ޕާކިން ޒޯން ބަންދުކުރި މައްސަލައިގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.
އާ ޓާމިނަލް ކުރިމަތީގައި އޮތް އެ ޕާކިން ޒޯން ބަންދުކުރީ ސަލާމަތީ ސަބަބުތަކާ ހެދި ކަމަށް އެއާޕޯޓް ކޮމްޕެނީން ބުނި ނަމަވެސް، އެ ނިންމުމަށް ދެ މަސްވި ފަހުން، އެ ސަރަހައްދުގައި ޕާކް ކުރުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި އެއާޕޯޓަށް މީހުން ގޮވައިގެން ދާ ވެހިކަލްތައް ބޭނުންކުރާނީ މިހާރު ޓެކްސީތައް މަޑުކޮށްގެން ތިބޭ ސަރަހައްދުގެ ވާތްފަޅި އެވެ. އަދި ޓާމިނަލް 1 އާއި 2 އަށް މީހުން ގޮވައިގެން ދާ ވެހިކަލްތައް ނުކުންނާނީ ޓާމިނަލް ކުރިމަތީގައި އޮންނަ މަގުންނެވެ.
ބޭރުމަގުން އަންނަ ވެހިކަލްތަކުގެ ތެރެއިން އެއާޕޯޓުން ނުކުންނަން ބޭނުންވާ ވެހިކަލްތައް ބޭނުންކުރާނީ ޕާކިން ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަޅި އެވެ.
ވީއައިއޭގެ އާ ޓާމިނަލް ބޭނުންކުރަން ފެށުމާ އެކު ޓްރެފިކް ފްލޯއަށް ބަދަލު އަންނާނެކަން އެމްއޭސީއެލް އިން އޮތީ ކުރިން ވެސް އިއުލާނުކޮށްފަ އެވެ.
މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެތަށް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައިފައިވާއިރު، އޭގެ ކުރިންނާއި ފަހުން ވެސް އެއާޕޯޓުގެ ޓްރެފިކަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަވެއެވެ.