ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ހިންގި ކޮރަޕްޝަން މައްސަލައެއް އެޖެންޑާކުރުމުން ޕީއެންސީގެ ކައުންސިލަރުން މާލޭ ސިޓީ ކައުންސިލްގެ ޖަލްސާ ބޮއިކޮޓްކޮށްފި އެވެ.

މާލޭގެ ރޯ މަސް މާރުކޭޓް ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަށް ވެސް ވަނީ ހުށަހަޅާފައި އެވެ. އެ މައްސަލަ މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހެވެ.

މިއަދުގެ ޖަލްސާއަށް ސައިފް ހުށަހަޅުއްވާފައި އޮތީ ރޯމަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭގޮތުން ކޮށްފައިވާ އެގްރީމެންޓަށް ގެނެވިފައިވާ ބަދަލުތަކާ ގުޅޭގޮތުން އެ ކައުންސިލުގެ ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމް ކައުންސިލް ޖަލްސާއަށް ހާޒިރުކޮށް ކަން ހިނގާފައިވާ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށެވެ.

ނަމަވެސް މުއިއްޒުގެ މޭޔަރު ކަމުގައި ހިންގާފައިވާ އެ ކޮރަޕްޝަންގެ މައްސަލަ އެޖެންޑާކުރުމާ އެކު ޕީއެންސީގެ ކައުންސިލަރުން ވަނީ ޖަލްސާ ބޮއިކޮޓްކޮށް ކޯރަމް ގެއްލުވާލާފަ އެވެ. ބޭނުނަމަކީ މުއިއްޒުގެ މޭޔަރު ކަމުގައި ހިންގި އެ ކޮރަޕްޝަންގެ މައްސަލައިގައި ހިންގާފައިވާ ޖަރީމާތައް އިތުރަށް ތިލަވެދިޔަ ނުދިނުމެވެ.

މުއިއްޒުގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި ގެއްލިދާނެތީ އެކަން ވިޔަނުދިނުމަށެވެ. ޕީއެންސީގެ ކައުންސިލަރުން އެ ޖަލްސާ ބޮއިކޮޓް ކުރުމަކީ މަސް މާރުކޭޓްގެ މައްސަލާގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް އިތުރަށް ބާރު ލިބޭ ކަމެކެވެ. ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިނުވާނަމަ އެ މައްސަލަ ބެލުން ހުއްޓުވަންޖެހޭ ސަބަބެއް ނޯންނާނެ އެވެ.

ސައިފް ވިދާޅުވީ މިއީ އެ މައްސަލަ އެޖެންޑާކުރުމުން ޕީއެންސީގެ ކައުންސިލަރުން ޖަލްސާ ބޮއިކޮޓް ކުރި ތިން ވަނަ ފަހަރު ކަމަށެވެ. އެ ކައުންސިލަރުން ޖަލްސާ ބޮއިކޮޓް ކުރީ ޕީއެންސީން އަންގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ މަސްމާރުކޭޓު މުއިއްޒުގެ މޭޔަރު ކަމުގައި ހަވާލުކޮށްފައި އޮތީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އާއިލީ ކުންފުންޏަކަށެވެ. އަދި ފަހުން ވަނީ ބިޑް ކޮމިޓީން ނިންމި އަގަށްވުރެ އެތަން ކުއްޔަށް ދޫކުރުމުގެ އަގު ކުޑަކޮށްފަ އެވެ.

މީގެއިތުރުން އާ މަސް މާރުކޭޓެއް ތަރައްގީ ކުރުމަށް މުއިއްޒުގެ މޭޔަރު ކަމުގައި އޮތީ 6.1 މިލިއަން ޑޮލަރަށް ބަޔަކާ ހަވާލުކޮށްފަ އެވެ.

ނަމަވެސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެ، މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވުމުގެ ކުރިން އެ އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކާ މަސްމާރުކޭޓު އޮތީ ހަވާލު ކޮށްފަ އެވެ. ފަހުން ހަދާފައިވާ އެއްބަސްވުމުގެ އަގަކީ 9.5 މިލިއަން ޑޮލަރެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ ކައުންސިލުގެ ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމެވެ.

އެ އެއްބަސްވުމުމުގައިވާގޮތުން އެ ފައިސާ ނުދެއްކިއްޖެނަމަ މަސް މާރުކޭޓް ހަދަން އަޅާ އިމާރާތް އެ ކުންފުންޏަށް މިލްކުވާނެ އެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ފައިސާ ދެއްކުމުގެ ގާބިލްކަމެއް ސިޓީ ކައުންސިލްގެ ނެތް ކަމަށެވެ.