ބޮލީވުޑްގައި ކުރިއަށް ދިއުމަށްޓަކައި އެކި ތަރިން ވަނީ އެކި މަސައްކަތް ކޮށްފަ އެވެ. ބައެއް ތަރިން އެތަރިންގެ ހަށިގަނޑަށް ބަދަލުތައް ގެނެ އެވެ.

އަނެއްބައި ތަރިން ވަނީ އެ ތަރިންގެ ދިރިއުޅުމަށް ވެސް ބޮޑު ބަދަލުތަކެއް ގެނެސްފަ އެވެ. މި ލިޔުމުގައި މި ބަލާލަނީ ބޮލީވުޑްގައި ކުރިއަށް ދިއުމަށްޓަކައި ނަން ބަދަލުކުރި ބައެއް ތަރިންނަށެވެ.

ތާބޫ

މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ތާބޫއަކީ 90ގެ އަހަރުތަކުގައި އެންމެ ނަން ހިނގާލި އެއް ފަންނާނެވެ. އޭނާގެ އަސްލު ނަމަކީ ފާތިމާ ތަބައްސުމް ހަޝްމީ އެވެ. ތާބޫއަކީ އޭނާގެ ފުރިހަމަ ނަން ކުރުކޮށްލުމަށް ކީ ނަމެއް ނަމަވެސް އެނަން ވެފައިވަނީ އޭނާގެ ރަސްމީ ނަމަށެވެ.

މަހިމާ ޗައުދަރީ

ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިފައިވާ މަހިމާ ޗައުދަރީގެ އުފަން ނަމަކީ ރިތޫ ޗައުދަރީ އެވެ. އޭނާގެ ނަން ބަދަލުކޮށްފައިވަނީ އަނޫޕަމް ކޭރުގެ ޚިޔާލަކަށް މަހީމާއަކީ އޭނާއަށް ނަސީބުގަދަ ނަމަކަށް ވާނެކަމަށް ބަލާފަ އެވެ.

ކެޓްރީނާ ކައިފް

އިތުރު ތައާރަފަފަކަށް ބޭނުންނުވާ ކެޓްރީނާ ކައިފްއަކީ އިނގިރޭސި ވިލާތުގެ އާއިލާއަކަށް ނިސްބަތްވާ ފަންނާނެކެވެ. އޭނާގެ އަސްލު ނަން ކެޓްރީނާ ޓާކުއެޓްގެ ނަން ކެޓްރީނާ ކައިފްއަށް ބަދަލުކުރީ އޭނާގެ އަސްލުނަމަކީ ކިޔަން އުނދަގޫ ނަމަކަށް ވާތީ އެވެ.

މަލިކާ ޝަރާވަތު

މައްސަލަ ބޮޑު ފަންނާނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މަލިކާ ޝަރާވަތުގެ އަސްލު ނަމަކީ ރީމާ ލަމްބާ އެވެ. އޭނާގެ ކެރިއަރުގެ ފުރަތަމަ ބައެއް ފިލްމުތައް ވެސް ކުޅެފައިވަނީ އެނަމުގަ އެވެ.

ސްރީދޭވީ

ދެކުނު އިންޑިއާއަށް ނިސްބަތްވާ ސްރީދޭވީގެ އަސްލު ނަމަކީ ޝްރީ އައްމާ ޔަންގާ އައްޔައްޕަން އެވެ. އޭނާ މަރުވުމާ ހަމައަށް ވެސް މަޝްހޫރު ވެފައިވަނީ ސްރީދޭވީގެ ނަމުންނެވެ.