ރައީސް މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެންބަރު ސަލާހު ޝަރީފުގެ ކުންފުންޏަކަށް ބިޑު ކުރުމުގެ އުސޫލުތަކާ ހިލާފަށް ފެނަކަ ކޯޕަރޭޝަނުން 19 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓް ރިޕޯޓްގައިވާގޮތުން ސަލާހުގެ ހިއްސާ އޮންނަ ކެންގޯ ޕްރައިވެޓް ލިމިޓެޑާއެކު ބިޑު ކުރުމުގެ އާންމު އުސޫލުތަކާ ހިލާފަށް ފެނަކައިން އަށް އެއްބަސްވުމެއް ހެދި އެވެ. މި އެއްބަސްވުންތަކުގެ ޖުމްލަ އަގަކީ 19,456,100ރ. އެވެ.
ސަލާހުގެ އިތުރުން ކެންގޯ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި ކަމަށް ބިޒްނަސް ޕޯޓަލް އިން ދައްކަނީ މިފްކޯއިން ފެބްރުއަރީ މަހު ވަކިކޮށް ޖެހިގެން އައި މަހު އަލުން ވަޒީފާ ދިން ތިން ޖެނެރަލް މެނޭޖަރުންގެ ތެރޭގައި ހިމެނޭ އައިމިނަތު ސަނިއްޔާ ޝަރީފު އާއި އަހުމަދު ހާޝިމް ކިޔާ މީހެކެވެ.
ސަލާހު އަކީ މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ހަރަދު ކުރި އާންމުންގެ ތެރެއިން އެކަކެވެ. އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ މުއިއްޒުގެ ކެމްޕޭނުގެ މާލީ ބަޔާނުން މިކަން ކަށަވަރުވެ އެވެ. އެ ބަޔާނުން ކަށަވަރުވާގޮތުގައި މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް 2.8 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މިފްކޯގެ ބޯޑަށް ސަލާހު އައްޔަންކުރީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޑިސެމްބަރު 12، 2023، ގަ އެވެ.
މިފްކޯގެ ތެރޭގައި ކޮރަޕްޝަން ހިންގާ ކަމުގެ ތުހުމަތު ސަލާހު ޝަރީފަށް ކުރެވޭއިރު، އެ ކުންފުނީގެ ބައެއް މުވައްޒަފުން ކައިރީ އޭނާ ބުނެފައި ވަނީ ރައީސް މުއިއްޒުގެ ކެމްޕޭނަށް މިލިއަނުން ހަރަދުކޮށްފައިވާތީ އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.