ކިއުބާގެ ކޮމިއުނިސްޓް ޕާޓީގެ ފަސްޓް ސެކެޓްރަރީ ރައުލް ކަސްޓްރޯ އޭނާގެ މަގާމުން އިސްތިއުފާ ދެއްވައިފިކަން ޔަގީން ކޮށްދެއްވައިފި އެވެ. އޭނާގެ މި ނިންމުމަކީ 60 އަހަރުވީ ދިގު ދައުރެއްގެ ނިމުމެވެ.

އުމުރުފުޅުން 89 އަހަރުގެ ކާސްޓްރޯ މި ނިންމުން އިއުލާން ކުރީ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގައި އަށްވަނަ ކޮންގްރެސްގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާއަށްފަހު އެ މަގާމު އަދާކުރާނެ ފަރާތެއްގެ ތަފްސީލް އާއްމުކޮށްފައި ނުވާއިރު، ކާސްޓްރޯ ވަނީ އެ ގައުމުގެ މިހާރުގެ ރައީސް، 60 އަހަރުގެ މިގުއަލް ޑިއަޒް ކެނަލް އެ މަގާމަށް އަންނަން ތާއީދުކުރައްވާ ކަމަށް އެކި ފަހަރު މަތިން އިޝާރާތް ކުރައްވާފަ އެވެ.

ކާސްޓްރޯގެ މި ނިންމުމާއެކު އެޕާޓީގައި އޮތް ޒަމާންވީ އާއިލީ ވެރިކަން ނިމުމަކަށް އައިސް މެމްބަރުން މެދުގައި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. ނަމަވެސް އެ ގައުމުގެ އިދިކޮޅު އެކްޓިވިސްޓުން ބުނާގޮތުގައި ކާސްޓްރޯގެ ވެރިކަމުގައި އެ ގައުމުގެ އިސްލާހީ މަސައްކަތްތައް މަޑު ޖެހިފައިވާ ކަމަށާއި މިއީ މުސްތަގްބަލަށް ލިބުނު ފުރުސަތެއް ކަމަށެވެ.

ރައުލް ކާސްޓްރޯ ކޮމިއުނިސްޓް ޕާޓީގެ ވެރިކަމަށް އިސްވީ 1959 ވަނަ އަހަރު ކިއުބާއަށް އިންގިލާބު ގެނެސްދީ އެ ޕާޓީ ވުޖޫދަށް ގެނައި އޭނާގެ ބޭބެ ފިޑެލް ކާސްޓްރޯ މަގާމުން 2011 ވަނަ އަހަރު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.