މިފަހުން ނެޓްފްލިކްސްއަށް ރިލީޒްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ސީޒަން 2 އަންނަން އުޅޭ ކަން ޔަގީން ވެއްޖެ އެވެ.
އެ ސީރީޒްގެ މުހިއްމު ރޯލަކުން ފެނިގެންދިޔަ ރަޖަތު ބޭދީ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރަޖަތު ބުނީ ސީޒަން 2ގެ މަސައްކަތް ފަށައިގެން ކުރިއަށް ދާ ކަމަށާއި އޭނާގެ ކެރެކްޓަރުގެ އިތުރު ފެނިލުންތަކެއް ފެންނާނެ ކަމަށެވެ.
"އުއްމީދު ކުރަން ދެވަނަ ސީޒަންގައި ވެސް އަހަރެންގެ ކެރެކްޓަރަށް ބެލުންތެރިންގެ އެހާ ބޮޑު ލޯތްބެއް ލިބޭނެ ކަމަށް" ރަޖަތު ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނީ އާރްޔަން ޚާންގެ އެންމެ ފުރަތަމަ ސީރީޒްއިން އޭނާއަށް ފުރުސަތު ދިނީތީ ޝުކުރުވެރިވާ ކަމަށާއި އެކަން އޭނާ އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ.
"ދަ ބޭޑްސް އޮފް ބޮލީވުޑް"އަކީ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ޑައިރެކްޓްކުރާ އެންމެ ފުރަތަމަ ސީރީޒް އެވެ.
ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެ ފިލްމުގެ ފުރަތަމަ ސީޒަން ރިލީޒް ކުރެވިފައިވާއިރު އެ ސީޒަން މިހާރު އަންނަނީ ނެޓްފްލިކްސް ޗާޓުގެ އެންމެ ކުރީގައި ޓްރެންޑް ވަމުންނެވެ.