ހުރިހާ ކަމެއް ވެސް ކޮށްފައި ވާނީ އުސޫލުގެ ތެރެއިން ކަމަށާއި ދައުލަތުގެ ފައިސާއެއް އަމިއްލަ ބޭނުމަށް ބޭނުންކޮށްފައި ނުވާނެ ކަމަށް ބުނެ އޮޑިޓާ ޖެނެރަލް ޖެނެރަލް ރިޕޯޓަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ސައީދު ހުންނެވިއިރު، ކުންފުނި ހިންގި ގޮތުގެ އޮޑިޓް ރިޕޯޓެއް އޮޑިޓާ ޖެނެރަލް ވަނީ ނެރެފަ އެވެ. އެ ރިޕޯޓުން އެނގޭގޮތުގައި ބިޑްކުރުމެއް ނެތި އެތައް މިލއަަން ރުފިޔާގެ ޕްރޮޖެކްޓްތައް ވަނީ އެކި ފަރާތްތަކާ ހަވާލުކޮށްފަ އެވެ.

އެކަމާ ގުޅިގެން ސައީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ އެ ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވިއިރު، އެ ކުންފުނީގެ ބޭނުމަށް ކުރެވިފައިވާ އެންމެހާ ޕްރޮކިއުމެންޓް މުއާމަލާތްތައް ކުރިއަށް ގެންގޮސްފައި ވާނީ ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެންމެހާ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން އެކަށައަޅުއްވާފައިވާ ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.

"ހަމައެހެންމެ ދެންނެވުނު މުއްދަތުގައި އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައިނުވާނެ ކަމާއި، ނުހައްގު އެއްވެސް މަންފާއެއް ވެސް ހޯދާފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެމެވެ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ އޭނާ މަގާމުގައި ހޭދަކުރި ފަސް އަހަރުގެ މުއްދަތުގައި ފެނަކައިން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް އިންސާފުވެރިކަމާއެކު ދެފުށްފެންނަގޮތެއްގެމަތިން، ސިޔާސީ ކުލައެއް ނުޖެހި ބެލުމަށް މިނިވަންމުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

"އެކަމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވެސް އަޅުގަނޑު ދެމެވެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރިޕޯޓް ނެރެފައި ވަނީ ކުންފުނިން ލިބެންހުރި ހަގީގީ މައުލޫމާތު ލިބެންހުރެމެ، އެ މައުލޫމާތުތައް ނުހޯދައި އަވަސް އަރުވާލައިގެން ކަމަށެވެ. އަދި އެއީވަކި މަގްސަދެއް ހާސިލްކުރަން ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައި ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް ކަމުގެ ހަގީގަތް އޮޅޭގޮތަށް ނެރެފައިވާ ރިޕޯޓެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ޒަމާނުއްސުރެ ރައްޔިތުންނަށް ތަކުލީފްތަކަކަށް ވެފައި އޮތް ގެދަބުޅި އިންޖީނުގެތަކާއި ދިގު ގޮނޑީގެ އޮފީސްތަކާއި ބޮނބިނަރު ނެޓްވޯކްތައް އެންމެ ޒަމާނީ ފެންވަރަށް ބަދަލުކޮށް، އިރުއިރުކޮޅާ ކެނޑެމުންދިޔަ ކަރަންޓްގެ ހިދުމަތް ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ކަށަވަރު ކުރެވުނު ކަމުގެ އުފާ އަދިވެސް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.