ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްއާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ބެނީ ބްލޭންކޯ ކައިވެނި ކޮށްފި އެވެ.
ހޮލީވުޑް ހަބަރުތަކުން ބުނާ ގޮތުގައި ސެލީނާއާއި ބެނީ ކައިވެނި ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކެލިފޯނިއާގެ ސެންޓަ ބާބަރާގައި އޮތް ސިއްރު ހަފްލާއެއްގަ އެވެ.
ކައިވެންޏަށްފަހު ސެލީނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ވަނީ ބެނީއާ ކައިވެނި ކުރިކަން އާއްމުކޮށް އިއުލާން ކޮށްފަ އެވެ.
ކައިވެނީގެ ތެރެއިން ނަގާފައިވާ ފޮޓޯތަކާއެކު ހިއްސާކުރި އެ ޕޯސްޓުގެ ކެޕްޝަންގައި ކައިވެނިކުރި ތާރީހު ލިޔެފައިވާއިރު ބެނީ ވަނީ އެ ޕޯސްޓަށް ކޮމެންޓް ކުރަމުން " އަހަރެންގެ އަނބިމީހާ" ކަމުގައި ބުނެފަ އެވެ.
ކައިވެންޏަށްޓަކައި ސެލީނާއާއި ބެނީ ވެސް ހިޔާރު ކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރު ރަފް ލޮރެންގެ ފަރުމާއެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ ކައިވެންޏަށް ހާޒިރުވި މެހެމާނުންގެ ތެރޭގައި ހޮލީވުޑްގެ ބައެއް ތަރިން ހިމެނުނު ނަމަވެސް މުޅި ހަފްލާ ކުރިއަށް ދިޔައީ ވަރަށް ސިއްރުވެރި ގޮތަކަށެވެ.