މިހާތަނަށް މުސާރަ ބޮޑުނުވެ ތިބި ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ ނޮވެމްބަރު މަހު ބޮޑުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު އެކެއްގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަން ނިމުމުގެ ކުރިން ވަނީ 2024 ޖެނުއަރީ އެކަކުން ފެށިގެން މުސާރަ ބޮޑުނުކޮށް ހުރި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފަ އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ވިދާޅުވީ 2024 ޖެނުއަރީ މަހުން ފެށިގެން މުސާރަ ބޮޑު ކުރެވެން ނެތް ކަމަށެވެ. އަދި ފަހުން އެކި މަރުހަލާތަކަކަށް ބަހާލައިގެން މުސާރަ ބޮޑު ކުރާނެ ކަމަށް އޭރު އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު ބޮޑުކޮށްދެއްވި މުސާރަ ނުދޭން ރައީސް މުއިއްޒު ނިންމެވީ ކުރީގެ ސަރުކާރުން ނިންމާފައިވާ ނިންމުމަކަށްވާތީ، އެކަމުގެ ކްރެޑިޓް އެމަނިކުފާނަށް ނުލިބިދާނެތީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ.