މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ ތަމްވީލް އިކޮންކުއެސްޓް ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ދިވެހި ޒުވާނުން އިގްތިސާދީ އެކިއެކި މައުޟޫތަކަށް ޚިޔާލުފާޅުކޮށް، އިލްމީ ނަޒަރަކުން މާލީ ކަންކަމަށް ދެނެގަތުމަށް ޒުވާނުން ބައިވެރިކުރުމަށް ބާއްވާ ބަހުސް މުބާރާތެކެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވާސިޓީތަކުގެ 16 އަހަރާއި 25 އަހަރާ ދެމެދުގެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ މި މުބާރާތުގެ މަގްސަދަކީ ކުރިމަގުގެ ލީޑަރުންގެ މެދުގައި މާލީ ހޭލުންތެރިކަމާއި، މަދަނީ ހޭލުންތެރިކަމާއި، މާލީ ކަންކަމަށް ވިސްނުން އިތުރުކުރުމެވެ.

ބައިވެރިން ބަހުސްކުރާނީ މާލީ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޖިޓަލް ފައިސާއާއި، އިސްލާމީ އިގްތިސާދު ފަދަ ތީމްތަކުގެ މައްޗަށެވެ. ބަހުސްތައް ކުރިއަށްދާނީ އިނގިރޭސި ބަހުން، ޕަބްލިކް ފޯރަމް ނުވަތަ ސްޕޮންޓޭނިއަސް އާގިއުމެންޓޭޝަން ސްޓައިލްގަ އެވެ. ކޮންމެ ވާހަކަދައްކާ ފަރާތަކަށްވެސް ފަސް މިނެޓުގެ ވަގުތު ދެވޭނެ އެވެ. އަދި ކޮންމެ ބަހުސަކުގެ ކުރިން 30 މިނެޓުގެ ތައްޔާރުވުމުގެ ވަގުތު ދެވޭނެ އެވެ.

.

މި މުބާރާތުގައި ގިނަ އަދަދެއްގެ އިނާމު ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން ޓީމަށް 8،000 ރުފިޔާއާއި ތަށްޓަކާއި ސެޓްފިކެޓްތައް ލިބޭނެ އެވެ. ރަނަރަޕް ޓީމަށް 5،000 ރުފިޔާއާއި ސެޓްފިކެޓްތައް ލިބޭނެ އެވެ. އަދި އެންމެ މޮޅު ވާހަކަދެއްކުންތެރިޔާއަށް 2،000 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން، އުފެއްދުންތެރިކަމުގެ އިތުރުން ތަފާތު ނަޒަރިއްޔާތަކުގެ ހުށަހެޅުމަށް 1،000 ރުފިޔާގެ ހާއްސަ އިނާމެއް ދެވޭނެ އެވެ.

އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި އިކޮންކުއެސްޓްގެ މަގްސަދަކީ ހަމައެކަނި އާންމުކޮށް ވާހަކަދެއްކުމާއި ތަހްލީލުކުރުމުގެ ހުނަރުތައް ތަރައްގީކުރުން އެކަންޏެއް ނޫނެވެ. މީގެ އިތުރުން، ދަރިވަރުންނަށް ދުނިޔޭގެ އިގްތިސާދީ ގޮންޖެހުންތައް ދިރާސާކުރުމަށާއި އަދި ދެމެހެއްޓެނިވި މާލީ މުސްތަޤްބަލަކަށް އައު އުފެއްދުންތެރި ޙައްލުތައް ހުށަހެޅުމަށް ބާރުވެރިކުރުވުމެވެ.

ޝައުގުވެރިވާ ޓީމުތަކުން، 3 އާއި 5 އާ ދެމެދުގެ މެންބަރުން ހިމެނޭ ގޮތަށް، އެ ޓީމުގެ ލީޑަރެއް ކަނޑައަޅައި، 30 ސެޕްޓެމްބަރު 2025 ވާ ދުވަހުގެ ރޭ 11:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ އެވެ.

މި ލިންކަށް ކްލިކްކޮށްލުމުން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.