ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް ފެނަކަ ކޯޕަރޭޝަންގެ ފައިސާ ހަރަދުކުރިކަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.
މި ރިޕޯޓް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. މިއީ ސައްހަ ރިޕޯޓެއްކަން "ހުރިހާ"އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.
ޝައްކުކުރެވޭ މުއާމަލާތްތަކާ ގުޅޭ އެމްއެމްއޭގެ ރިޕޯޓްގައި ވަނީ ޖެނުއަރީ 1، 2023 އިން ފެށިގެން ސެޕްޓެމްބަރު 30، 2024 ގެ ނިޔަލަށް ކޮށްފައިވާ މުއާމަލާތްތަކެވެ. މި މުއްދަތުގެ ތެރޭގައި ފެނަކައިން 47 ޓްރާންސެކްޝަނެއްގެ ދަށުން ކެންގޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް 37 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ފެނަކައިން ހެދި ޓްރާންސެކްޝަނުގެ ތެރެއިން 17 ޓްރާންސެކްޝަނެއް އެފްއައިޔޫގެ ސަމާލުކަމަށް އައިސްފައި ވެ އެވެ. މިއީ 2022 އަދި 2023 ވަނަ އަހަރު ފެނަކަ އާއެކު ހަދާފައިވާ އެއްބަސްވުންތަކަށް އެ ކުންފުންޏަށް ދޫކުރި ފައިސާތަކެކެވެ.
ފައިސާ ދޫކުރީ މަޖިލިސް އިންތިހާބަށް ތިން ދުވަހަށް ވެފައި ވަނިކޮށް ދަންވަރު
އޭގެ ތެރެއިން މަޖިލިސް އިންތިހާބަށް ތިން ދުވަހަށް ވެފައި ވަނިކޮށް އެޕްރީލް 17، 2024 ވަނަ ދުވަހު ކެންގޯއަށް 2،466،955ރ. ފެނަކައިން ފޮނުވާފައިވެ އެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް މި ފައިސާ ފޮނުވާފައިވަނީ އެ ރޭ ދަންވަރު 02:00 ހާއިރު އެވެ. ކެންގޯގެ އެކައުންޓަށް އެ ފައިސާ ލިބުމާއެކު ވަގުތުން އެ ފައިސާ އެހެން އެކައުންޓުތަކަށް ފޮނުވާފައިވާކަން އެމްއެމްއޭގެ ރިޕޯޓުން ކަށަވަރުވެ އެވެ.
ކެންގޯއަކީ މިއީ ކޮން ކުންފުންޏެއް؟ ރައީސް މުއިއްޒާ އޮތީ ކޮން ގުޅުމެއް؟
ކެންގޯގެ ހިއްސާދާރުންނަކީ މިފްކޯގެ ބޯޑު މެންބަރު ސަލާހު ޝަރީފާއި މިފްކޯގެ ބިޒްނަސް ޑިވޮލޮޕްމެންޓް ޖެނެރަލް މެނޭޖަރު އާމިނަތު ސަނިއްޔާ ޝަރީފްގެ އިތުރުން މިފްކޯގައި ކުރިން މަސައްކަތް ކުރި މުވައްޒިފެކެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ހަރަދުކުރިގޮތުގެ މާލީ ބަޔާނުގައިވާގޮތުން ސަލާހު ޝަރީފް ވަނީ އެމަނިކުފާނުގެ ކެމްޕޭނަށް 2.8 މިލިއަަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެހެންކަމުން ސަލާހަކީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއްކަން ކަށަވަރުވެ އެވެ.
ކޮލަމާފުށީ ދާއިރާގެ މެންބަރުގެ ކުންފުނީގެ އެކައުންޓަށް ވެސް ފެނަކަ ފައިސާ ޖަމާވި
ޑީ އެންޑް ވީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެޕްރީލް 16، 2024 ގައި ދެ ޓްރާންސެކްޝަނެއް މެދުވެރިކޮށް 9،804،240ރ. ފޮނުވައި، އެ ފައިސާގެ ތެރެއިން ބައެއް ކެންގޯއަށް ފޮނުވާފައިވާކަން ވެސް އެމްއެމްއޭގެ ރިޕޯޓުން ކަށަވަރުވެ އެވެ.
ޑީ އެންޑް ވީ އިންވެސްޓްމަންޓަކީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި އޭނާގެ އަންހެނުން އިހުސާނާ ޝަރީފްގެ ނަމުގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. ކެންގޯއަށް 150،000ރ. ގެ މަގުން ފަސް ޓްރާންސެކްޝަނެއް ހަދައި ޖުމުލަ 750،000ރ. އިބްރާހީމް ދީދީގެ ކުންފުނިން ފޮނުވާފައިވެ އެވެ. މި ފައިސާ ފޮނުވާފައިވަނީ އެޕްރީލް 16 އަދި 17 ވަނަ ދުވަހު އެވެ.
ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީގެ އަންހެނުން އިހްސާނާ އަކީ ސަލާހު ޝަރީފްގެ އެއްބަނޑު އެއްބަފާ ދައްތައެވެ.
މި ފައިސާތައް ޖަމާކުރިއިރު، ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ މުއާޒު މުހައްމަދު ރަޝީދެވެ. އޭނާ ފެނަކައިގެ އެމްޑީ ކަމަށް ޕީސީބީން އައްޔަންކުރީ ވެސް ރައީސް މުއިއްޒުގެ އެންގެވުމަކަށެވެ.
އެމްއެމްއޭ އިން ތައްޔާރުކުރި މި ރިޕޯޓްގައިވާ ހިޔާނާތުގެ މައްސަލަތައް އެއްވެސް އިދާއަކުން ތަހުގީގެއް ނުކުރެ އެވެ. މި މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް މުއިއްޒު ވެސް އެއްވެސް އިދާރާއަކަށް ނާންނަގަވަ އެވެ. އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެފައިވާގޮތުގައި އެމަނިކުފާނު ކަމާބެހޭ ފަރާތްތަކަށް އެންގެވީ އެމްޑީޕީ ސަރުކާރުގެ ފެނަކަ އެމްޑީ އަހްމަދު ސައީދު މުހައްމަދު ކުންފުނި ހިންގެވިއިރުގެ ކޮރަޕްޝަންތައް ތަހުގީގު ކުރުމަށެވެ.