މިއަހަރުން ފެށިގެން ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ، މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީ ހާސިލުކުރުމާ ހަމައަށް ތައުލީމު ހާސިލުކުރުމަށް ހާއްސަ ސްކޮލާޝިޕެއް ދިނުމަށް، މި ވަނަތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ، ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމުތައް ދެވޭ މުބާރާތަށް، މިއަހަރުން ފެށިގެން ހައްދަވާނެކަމުގައި މިދިޔަ އަހަރު ބޭއްވެވި 36 ވަނަ ގައުމީ ގުރްއާން މުބާރާތުގެ އިނާމު ދެއްވުމުގެ ޖަލްސާގައި ރައީސް ވަނީ އިއުލާނުކުރައްވާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އެންމެ ބޮޑަށް ހިތްވަރު ދޭންޖެހޭނީ، އަދި އެންމެ ބޮޑެތި އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމުގައި ވިދާޅުވި އެވެ.
އެގޮތުން މިއަހަރުން ފެށިގެން، ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ، އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް، އެ ފަރާތަކުން ތައުލީމް ހާސިލްކުރަން ބޭނުން ދާއިރާއަކުން، ބޭނުން ގައުމަކުން ޕީއެޗްޑީއާއި ހަމަޔަށް ތަޢުލީމް ހާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ދިނުމަށް އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ.
އަދި މުޅި މުބާރާތުން އެބައިތަކުގެ ތިން ބައިން އެއް ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން، މުޅި މުބާރާތުން އެއް ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއްވެސް ހިމެނޭނެ އެވެ.
މިއަހަރުން ފެށިގެން މި އިނާމުތައް ދިނުމަށް ނިންމެވިއިރު، މުބާރާތުގެ އެހެނިހެން އުމުރުފުރާތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް ދޭ އިނާމުތައްވެސް ކުރިއަށްވުރެ ގިނަކޮށް، އަގުވެސް ބޮޑުކުރައްވާނެ އެވެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތުވެސް އިތުރަށް ފަހިކުރާނެ އެވެ.