ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ޚާއްސަކޮށްގެން މަރުކަރީ ބޭންކް، އެމްއެމްއޭއިން ފިއުޗަރފައިނޭންސް މަޒުމޫނު މުބާރާތެއް ފަށައިފި އެވެ.
މިއީ، އެމްއެމްއޭއިން ކުރިއަށްގެންދާ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މުބާރާތުގެ މައިގަނޑު މަގްސަދަކީ ޒުވާނުން، ވަކިން ހާއްސަކޮށް ކިޔަވާކުދިންގެ މެދުގައި މާލީ ދާއިރާއާއި ދޭތެރޭ އިލްމީ ނަޒަރަކުން ވިސްނައި އަދި މާލީ މުސްތަޤުބަލެއް ތަސައްވަރުކުރުމަށް ބާރުއެޅުމެވެ.
ގްރޭޑް 8 އިން 12 އަށް ކިޔަވާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ މި މުބާރާތް ބާއްވާނީ ދެ ގިންތިއަކަށް ބާހާލައިގެންނެވެ. އެގޮތުން، ޖޫނިއާ ގިންތީގައި ހިމެނޭނީ ގްރޭޑް 8 އިން 10 ގެ ދަރިވަރުންނެވެ. އަދި ސީނިއާ ގިންތީގައި ހިމެނޭނީ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނެވެ. ހުރިހާ މަޒުމޫނެއް ވެސް ލިޔާނީ އިނގިރޭސި ބަހުންނެވެ. އަދި މުބާރާތުގެ ބައިވެރިން ލިޔާ މަޒުމޫނުތަކަކީ އެބައިވެރިއެއްގެ އަމިއްލަ ލިއުމަކަށް ވާންވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި އެއީ ކުރިން ޝާއިޢުކޮށްފައިނުވާ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފައްދާފައިނުވާ ލިޔުމަކަށް ވާންވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ކޮންމެ ގިންތިއެއްގައިވެސް އެންމެ މޮޅު މަޒޫމޫނަށް 3,000 ރުފިޔާ، ދެވަނައަށް 2,000 ރުފިޔާ، ތިންވަނައަށް 1,000 ރުފިޔާ، އަދި ކޮންމެ ގިންތިއަކުންވެސް ހާއްސަ މަޒުމޫނަކަށް 500 ރުފިޔާގެ އިނާމު ލިބޭނެ އެވެ. އިތުރުން، ހޮވޭ ލިޔުންތައް އެމްއެމްއޭއިން ހިންގާ މާލީ ހޭލުންތެރިކަމުގެ ކެމްޕޭނުތަކުގައި ބޭނުންކުރެވިދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
މި މަޒުމޫނުތައް ލިޔަންވާނީ 700 އާއި 1,200 ލަފުޒުގެ ދެމެދުގައި، ޓައިމްސް ނިއު ރޯމަން ފޮންޓުގައި، އިނގިރޭސި ބަހުންނެވެ. އަދި ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނީ ދަރިވަރުގެ މަޢުލޫމާތު ހިމެނޭ ކަވަރ ޕޭޖަކާއި އައިޑީ ކާޑުގެ ކޮޕީއަކާ އެކުގައެވެ.
މުބާރާތުގެ ބައިވެރިން މަޒުމޫނު ހުށަހެޅުމުގެ ސުންގަޑިއަކީ 9 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 23:59 އަށެވެ.
މަޒުމޫނު ހުށަހަޅަންޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.