ތަމްވީލް ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސް ނަމުގައި ކުރުހުމުގެ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާނުކޮށްފި އެވެ.
މި މުބާރާތް އަމާޒުކޮށްފައިވަނީ ރާއްޖޭގޭ ހުރިހާ ސަރަހައްދެއްގެ ގްރޭޑް 5 އިން 9 އަށް ކިޔަވާ ދަރިވަރުންނަށެވެ. އަދި މުބާރާތުގައި، ކުރެހުމުގެ ޒަރީއާއިން މާލީ ދާއިރާ އޮންނާނެގޮތުގެ ތަސައްވަރު ދައްކާލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ކުރެހުމުގެ ތެރެއިން، ދަރިވަރުންގެ އާ ޚިޔާލުތަކާއި އާ އިޖާދީ ވިސްނުންތައް ދެނެގަނެ އެ ދަރިވަރުންގެ ހުނަރުތައް އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމަކީވެސް މުބާރާތުގެ މަގްސަދެއް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
މުބާރާތުގެ ބައިވެރިންނަށް އެކި ބާވަތްތަކުގެ އަތު ކުރެހުމާއި ޑިޖިޓަލް ކުރެހުންތައް ނުވަތަ މިކްސް މީޑިއާގެ ބޭނުންކޮށްގެން ވިލުންތެރި މާލީ މުޖުތަމައެއް އޮންނާނެ ގޮތުގެ ތަސައްވުރު ކުރެހުމުގެ ޒަރީއާއިން ހާމަކުރެވޭނެ އެވެ.
ބައިވެރިން ވާނީ ކުރެހުމާއި، ކުލައާއި ޑިޖިޓަލް މަސައްކަތްތަކާއި ނުވަތަ މިކްސްޑް މީޑިއާ މެދުވެރިކޮށް، މާލީ ދާއިރާއަކީ ހަމައެކަނި ނަންބަރުތަކަކާއި މުޢާމަލާތްތަކެއްގެ ބަދަލުގައި، އިންސާފުވެރިކަމާއި، މުޖުތަމަޢުގެ ރައްކާތެރިކަމާއި، އަދި ދިގު މުއްދަތަކަށް ދެމިހުންނާނެ ވަސީލަތެއްގެ ގޮތުގައި ދައްކައިދޭށެވެ. ކޮންމެ މަސައްކަތަކާއެކުވެސް އެ މަސައްކަތުގެ ޚިޔާލާއި އިޚްތިޔާރުކުރެވުނު ތީމާއި ގުޅޭގޮތުގެ ކުރު ތަފްސީލެއް ހުށަހަޅަންޖެހެ އެވެ.
މި ޝޯކޭހުގައި އަށް ތީމެއް ހިމެނެ އެވެ. އަދި މި މުބާރާތް ބެހިގެންވަނީ ދެ ގިންތިއަކަށެވެ. އެއީ ގްރޭޑް 5-7 އާއި ގްރޭޑް 8-9 އެވެ. އަދި ޑިޖިޓަލް އަދި ޑިޖިޓަލް ނޫން މަސައްކަތްތަކަށް ވަކިން އިނާމު ދެވޭނެއެވެ. މި މުބާރާތުގެ ވަނަތަކަށް 3،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭނެ އެވެ. އަދި އިސްލާމީ ފައިނޭންސް އިން ދާއިރާއަށް ހާއްސަވާ އެންމެ ރަނގަޅު މަސައްކަތަށް 500 ރުފިޔާގެ ހާއްސަ އިނާމެއް ދެވޭނެ އެވެ. އަދި ހޮވޭ މަސައްކަތްތައް އެމްއެމްއޭގެ އިވެންޓްތަކުގައި ދައްކައި، އަދި އެ އިދާރާއިން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިންތަކުގައި ބޭނުންކުރެވިދާނެ އެވެ.
ދަރިވަރުންނަށް އެމީހުންގެ މަސައްކަތް ޑިޖިޓަލްކޮށް ނުވަތަ ފިޒިކަލްކޮށްވެސް ހުށަހެޅިދާނެ އެވެ. މުބާރާތުގެ ސުންގަޑިއަކީ 9 އޮކްޓޯބަރު 2025 ވާ ދުވަހުގެ މެންދުރު ފަހު 3:00 އެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ހުށަހަޅާ މަސައްކަތްތަކަކީ އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެ އެވެ. އަދި އާޓިފިޝަލް އިންޓަލިޖެންސް - އޭއައި މެދުވެރިކޮށް އުފައްދާފައިވާ ނުވަތަ ކޮޕީކޮށްފައިވާ އެއްޗެއް ކަމުގައި ނުވުން ލާޒިމެވެ.
މި މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ މަންސަތަކުން ލިބެން ހުންނާނެއެވެ.