އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓު)ގެ އޮފީސް ގާއިމުކުރަން ލ. ފޮނަދޫން ނެގި އިމާރާތަށް ކުލި ނުދައްކައިގެން އެއްބަސްވުން ބާތިލުކޮށް، އިމާރާތް ހުސްކުރަން އެންގުމުން ވެސް އެކަމަށް އަމަލުނުކޮށް އިމާރާތް ހިސޯރުކޮށްފައިވާ ކަމަށް ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ވިދާޅުވީ އެގްރޯނެޓުން ކުއްޔަށް ނެގީ އެ އަތޮޅު ކައުންސިލްގެ ގެސްޓު ހައުސް، "އަތޮޅުވެހި 1" ކަމަށެވެ. އެ ތަނަކީ ލ. އަތޮޅުގެ ރައްޔިތުންގެ ބަޖެޓަށް ފައިސާ ހޯދަން ހަދާފައިވާ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެތަނަށް އެގްރޯނެޓުން ކުލި ނުދައްކާތާ އަހަރެއް ވެފެއިވާ ކަމަށާއި މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ކުލި ނުދައްކާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އަދި ކުލި ނުދެއްކުމުގެ ސަބަބުން އެގްރީމެންޓު ވެސް ބާތިލުކޮށް، އިމާރާތް ހުސްކުރަން ވެސް މިހާރު ވާނީ އަންގާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއީލް ވިދާޅުވީ އިމާރާތުގެ ކުއްޔަށް 200،000 އަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެގްރޯނެޓް އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް ދަނޑުވެރިކަމުގެ އިކޮނޮމިކް ޒޯނު ތަރައްގީ ކުރާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރަން، ސެޕްޓެމްބަރު 3، 2024 ގައި ފާސްކުރި އެވެ.

އެ ކުންފުނީގެ މަސައްކަތް އަލުން ފަށަން މި އަހަރުގެ މާޗު މަހު ކެބިނެޓުން ފާސްކުރި އެވެ. ނަމަވެސް އެ ކުންފުނީގެ މަސައްކަތްތަކެއް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެ އެވެ.