އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ބަދަލުތަކެއް އަންނަ މިއަދުގެ ދުނިޔޭގައި ފައިސާ ފަހަށް ރައްކާ ކުރުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ.
އެހެން ނަމަވެސް އަދުގެ ހާލަތުން ފަހަށް ރައްކާ ކުރުމަކީ ގިނަ ބަޔަކަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ. މިއީ އާއްމު ދިރިއުޅުމުގައި ގެންގުޅެވޭ ބައެއް އާދަތަކާއެކު ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.
އާމްދަނީ ބަހާލާ!
އެންމެ ފުރަތަމަ ކަމަކަށް ލިބޭ އާމްދަނީ ތިބާގެ ބޭނުންތަކަށް ބަހާލާށެވެ. އެގޮތުން ކެއިންބުއިމާއި އާއްމު ހަރަދުތަކުގެ އިތުރުން ފަހަށް ރައްކާ ކުރަން ވަކި އަދަދެއް ކަނޑައަޅާށެވެ. އަމާޒަކަށް ހަދަންވާނީ އާމްދަނީގެ މަދުވެގެން ތިންބައިކުޅަ އެއްބައި ފަހަށް ރައްކާ ކުރުމެވެ.
ބަޖެޓެއް ކަނޑައަޅާ
ކެއިންބުއިމާއި އާއްމު ހަރަދުތަކަށް ކަނޑައެޅި އަދަދު މުޅި މަސް ދުވަހަށް ބަލާލާށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ހަރަދު ކުރެވޭނެ އެންމެ ބޮޑު އަދަދެއް ކަނޑައަޅާ އެ އަދަދުގެ ތެރޭގައި ހަރަދުތައް ހިފަހައްޓާށެވެ. މަދުން ހަރަދު ކުރެވިއްޖެނަމަ ޖެހިގެން އަންނަ ދުވަހަށް އެ ބައި ގެންދެވޭ ގޮތަށެވެ.
އަމިއްލައަށް ކުރެވޭ ކަންކަން އަމިއްލައަށް ކުރޭ!
ކެއްކުމާއި އެއްޗެހި ދޮވުން ފަދަ ކަންކަމަކީ ގޭގައި ކޮށްފިނަމަ ތަންތަނުން ކާބޯތަކެތި އޯޑަރު ކުރުމާއި ލޯންޑްރީ ހިދުމަތްދޭ ތަންތަނަށް ގޮސް އެއްޗެހި ދޮވުމަށްވުރެ އަގުހެޔޮ ކަންކަމެވެ. އެހެން ކަމުން އުނދަގުލަކަށް ވިޔަސް މިކަންކަން އަމިއްލައަށް ކުރާށެވެ.