ބޮލީވުޑްގެ ތަރި އަރްބާޒް ޚާންއާއި އޭނާގެ އަންހެނުން، މޭކަޕް އާޓިސްޓް ޝުރާ ޚާންއަށް އަންހެން ދަރިއަކު ލިބި އެމީހުންގެ ހަޔާތުގެ އާ ސަފްހާއެއް ފަށައިފި އެވެ.
އެ އާއިލާއާ ގާތް ފަރާތަކާ ހަވާލާދީ ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި މިދިޔަ އާދީއްތަ ދުވަހު ޝުރާ ވިހާފައިވާއިރު އޭނާއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅެވެ.
ބުރާސްފަތި ދުވަހު މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލުގައި ޝުރާ އެނދުމަތި ކުރެވުނުއިރު އަރުބާޒް އެ ހޮސްޕިޓަލަށް ވަދެ ނުކުމެ އުޅޭ މަންޒަރު މީޑިއާއަށް ފެނިފައިވެ އެވެ.
ޚާން އާއިލާއަށް ލިބުނު އެ އުފަލުގައި ބައިވެރިވުމަށް އަރްބާޒްގެ ބޭބެ ސަލްމާން ވެސް މުމްބީއީއަށް އައިސްފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
މިއީ ޝުރާގެ އަލަތު ދަރިފުޅު ނަމަވެސް މަލައިކާ އަރޯރާއާއެކު ކުރެވުނު ކައިވެނިން އަރްބާޒްއަށް މީގެ ކުރިން ދަރިއަކު ލިބުނެވެ. އެއީ 22 އަހަރުގެ އަރްހާން ޚާން އެވެ.
2023 ވަނަ އަހަރު ކައިވެނިކުރި އަރްބާޒްއާއި ޝުރާއަށް ދަރިއަކު ލިބެން އުޅޭކަން އެމީހުން އިއުލާން ކުރީ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގަ އެވެ.