ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ކޭޓް ވިންސްލެޓްއަކީ އާ ނަމަކަށް ނުވާނެ އެވެ. 90ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާއަކީ އެ ދާއިރާގައި ފިޔަ ޖަހަމުން އަންނަ ތަރި އެކެވެ.
ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިފައިވާ ކޭޓްއަށް އިއްޔެ 50 އަހަރު ފުރުނުއިރު އޭނާއަކީ ހޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ މުއްސަނދި އަންހެން ތަރިންގެ ތެރެއިން އެކެކެވެ.
ކޭޓްގެ ކެރިއަރު ފެށިގެން އައީ 90ގެ ކުރީކޮޅު ރިލީޒް ކުރެވުނު ޕީރިއަޑް ޑްރާމާތަކުގެ ކުދި ކުދި ރޯލުތަކުންނެވެ. އެ ރޯލުތަކުން ވެސް އާއްމުންނާއި ޕްރޮޑިއުސަރުންގެ ސަމާލުކަން ވެސް އޭނާ ހޯދި އެވެ.
އެއަށްފަހު ކޭޓްގެ ހަޔާތް ބަދަލުވެގެން ދިޔަ ފިލްމަކީ 1997 ވަނަ އަހަރު ރިލީޒްކުރި ފިލްމް ޓައިޓޭނިކް އެވެ. ލިއޮނާޑޯ ޑިކެޕްރިއޯއާއެކު އޭނާ ފެނިގެންދިޔަ އެ ފިލްމަކީ މިއަދުވެސް ގިނަ ބަޔަކު ލޯބިކުރާ ފިލްމެކެވެ.
ހޮލީވުޑްގައި 30 އަށްވުރެ ގިނަ އަހަރު ހޭދަވެގެން ދިޔައިރު ކޭޓްގެ މިލްކިއްޔާތުގައި މިވަގުތު 65 މިލިއަން ޑޮލަރު ހުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޭޓްއަށް ލިބޭ އާމްދަނީގެ ތެރޭގައިޔ އޭނާ ހިޔާރުކުރާ ތަފާތު ފިލްމުތަކާއި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ހިމެނޭ ކަމަށް ވެސް ހަބަރުތައް ބުނެފައިވެ އެވެ.
ކޭޓް މިހާތަނަށް ތިން ކައިވެންޏެއް ކޮށްފައިވާއިރު އެ ތިން ކައިވެނިން އޭނާއަށް ތިން ދަރިން ލިބިފައިވެ އެވެ. އެހެން ނަމަވެސް އޭނާގެ ޒާތީ ދިރިއުޅުމަކީ ވަރަށް ސިއްރު ކަމެކެވެ.