ފުވައްމުލައް ސިޓީގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.

އެ ސިޓީއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ފަނަކަ ކޯޕަރޭޝަނުން ބުނީ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ މެއިން ޓްރާންސްފޯމަރު އޮފް ވުމުގެ ސަބަބުން ކަމަށެވެ.

ޖަނެރޭޓަރުތަކަށް މައްސަލަތައް ދިމާވެ ފުވައްމުލަކުން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑުމަކީ އާންމު ކަމެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ދެ ގަޑިއިރަށްވުރެ ގިނަ ވަގުތު އެ ސިޓީން ކަރަންޓް ކެނޑިފަ އެވެ.

ކަރަންޓްގެ އިތުރުން ފެނުގެ ހިދުމަތް ކެނޑުމުގެ މައްސަލަތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

ފުވައްމުލަކުން "ހުރިހާ"އާ ވާހަކަދެއްކި ބައެއް މީހުން ކިޔައިންގޮތުގައި ކޮންމެ ރެއަކު ފެން ކަނޑާތީ ފާހާނާ ކުރުމަށް ވެސް ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މައްސަލަ ހައްލުވާން ނަގާނެ މުއްދަތެއް ނޭނގޭތީ ކަމަށް އޭނާ ކިޔައިދިނެވެ.

"ދުލުން ބަޔާން ކުރަންވެސް ދަތި އަޅުގަނޑުމެން މިކަމުގައި އުފުލަމުންދާ ތަކުލީފްތައް. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ކިޔައިދިނެވެ.

ފުވައްމުލަކުގެ ފެނާއި ކަރަންޓްގެ ހިދުމަތުން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް ފެނަކައަށް ލިބޭއިރު، މި މައްސަލަ ހައްލުނުވެ ގިނަ ދުވަސް ވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އެރަށު ރައްޔިތުން ބުންޏެވެ.