ކައިވެނި ރޫޅި ވަރިވިތާ ގާތްގަނޑަކަށް ނުވަމަސް ދުވަސް ފަހުން ހޮލީވުޑްގެ ދެ ތަރިން ކަމަށްވާ ބެން އެފްލެކްއާއި ޖެނިފާ ލޮޕޭޒް (ޖޭލޯ) އެއްތަން ވެއްޖެ އެވެ.

ބެންއާއި ޖޭލޯ އެއްތަން ވެފައިވަނީ މިދިޔަ ހޯމަ ދުވަހު ނިއުޔޯކްގަައި އޮތް ޖޭލޯގެ ފިލްމު "ދަ ކިސް އޮފް އަ ސްޕައިޑާ ވުމަން"ގެ ޕްރިމިއާ ނައިޓްގެ ތެރެއިންނެވެ.

އެ ދެމީހުން ބައްދަލުވުމުން އެކަކު އަނެކަކާ ސަލާން ގަލާން ކޮށް ހިނިތުން ވުމަކާއެކު މީޑިއާއަށް ފޮޓޯނަގަން ފުރުސަތު ދިންކަން ފާހަގަ ކޮށްލެވެ އެވެ.

މިއީ މިދިޔަ ޖެނުއަރީ މަހު އެ ޖޭލޯއާއި ބެންގެ ވަރީގެ މައްސަލަ ނިމުނު ފަހުން އެ ދެމީހުން ރެޑް ކާޕެޓް އިވެންޓަކުން އެކުގައި ފެނުނު ފުރަތަމަ ފަހަރެވެ.

އެ ފެނިލުމާއެކު އެމީހުން އަލުން ގުޅެން އުޅޭކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.

ދެ އަހަރު ދުވަސް ވަންދެން ކައިވެނި ކޮށްގެން އުޅުމަށްފަހު ބެންއާއި ޖޭލޯ ވަރިވީ ހައްލު ނުކުރެވޭ ފަދަ މައްސަލަތަކެއް އެމީހުންގެ މެދުގައި ހުރިކަމަށް ބުނެ އެވެ.