މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ހޮލީވުޑް ފިލްމު "ދަ ސްމޭޝިން މެޝިން"އަކީ މަޝްހޫރު ތަރި ޑްވެއިން ޖޯންސަން (ދަ ރޮކް)ގެ އެންމެ ލޮނުމަޑު ފެށުން ކަމުގައި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ބޮކްސް އޮފީސް ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ފިލްމުގެ އެންމެ ފުރަތަމަ ހަފްތާ ބަންދުގައި 3300 އަށްވުރެ ގިނަ ސިނަމާތަކުގައި އެ ފިލްމު އެޅުވުނުއިރު އާމްދަނީގެ ގޮތުގައި އެ ފިލްމަށް ލިބުނީ ޖުމްލަ ހަ މިލިއަން ޑޮލަރެވެ.
މިއީ އާއްމުކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާ ދަ ރޮކްގެ ފިލްމަކަށް ފުރަތަމަ ހަފްތާ ބަންދުގައި މިހާ ދަށް އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
ހޮލީވުޑް ރިޕޯޓުތަކުން ބުނާ ގޮތުގައި ދަ ރޮކްގެ ފިލްމަށް ފިނި ތަރުހީބެއް ލިބިގެންދިޔައީ ޓޭލާ ސްވިފްޓްގެ ކޮންސެޓް ފިލްމު "ދަ ލައިފް އޮފް އަ ޝޯ ގާލް"ގެ ފަރާތުން ކުރިމަތިވި ވާދަވެރިކަމުގެ ސަބަބުންނެވެ.
އެގޮތުން ހަފްތާ ބަންދުގެ ތެރޭގައި ޓޭލާގެ ފިލްމަށް ޖުމްލަ 33 މިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ވެނިސް ފިލްމު ފެސްޓިވަލްގައި އެންމެ ފުރަތަމަ ޕްރިމިއާކުރި "ދަ ސްމޭޝިން މެޝިން"އަކީ ދަ ރޮކްގެ އިތުރުން އެމިލީ ބްލަންޓް ފެނިގެންދާ ސްޕޯޓްސް ޑްރާމާ ޖޯންރާގެ ފިލްމެކެވެ. އެ ފިލްމަކީ އެމްއެމްއޭ ކުޅުންތެރިޔާ މާކް ކޭރްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.