ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާމެދު ރައްޔިތުން މާޔޫސްވެ ކަންބޮޑުވުން ފާޅުކުރަމުންގެންދާ މި ދަނޑިވަޅުގައި ހުދުމުހުތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.
އަދާލަތު ޕާޓީން އެފަދައިން ގޮވާލާފައި މިވަނީ އެ ޕާޓީން ނެރުނު ބަޔާނެއްގަ އެވެ.
އަދާލަތުގެ ބަޔާނުގައި ބުނީ ސަރުކާރުން ތަންފީޒުކުރަމުންދާ ދެކޮޅުނުޖެހޭ ދޯހަޅި ސިޔާސަތުތަކުގެ ނޭދެވޭ އަސަރުކުރުގެ ސަބަބުން އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސް ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރުމާއި އެކިގޮތްތަށް ސުއޫރު ފާޅުކުރުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ޤާނޫނު އަސާސީގެ ރޫޙާ ހިލާފު އަނިޔާވެރި ހަރުކަށި ފިޔަވަޅުއަޅަން ސަރުކާރުން ފަށައިފައިވުމަކީ އިންތިހާއަށް ކަންބޮޑުވާކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އަގްލަބިއްޔަތުގެ ބޭނުން ނަހަމަގޮތުގައި ހިފައި ތަހުގީގު އިދާރާތަކާއި ސަރުއީ ކޯޓުތަކުގެ ނާޖާއިޒު ބޭނުން ހިފައިގެން އާންމު ރައްޔިތުންގެ އަސާސީ މިނިވަންކަމަށާއި ޒާތީ ދިރިއުޅުމުގެ ތެރެއަށް ސަރުކާރުން ވަނުމާއި ވަޒީފާގެ ބިރުދައްކައިގެން ވާދަވެރި ސިޔާސީ ހަރަކާތް މައިތިރިކުރަން އުޅޭކަމީ ސަރުކާރަށް ގޮތް ހުސްވަމުންދާ ކަން ދަލީލުކޮށްދޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރާމެދު ރައްޔިތުން މާޔޫސްވެ، ސަރުކާރުން ތަންފީޒުކުރަމުންދާ ދެކޮޅުނުޖެހޭ ދޯހަޅި ސިޔާސަތުތަކުގެ ނޭދެވޭ އަސަރުކުރުގެ ސަބަބުން އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސް، ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރުމާއި އެކިގޮތްތަށް ޝުޢޫރު ފާޅުކުރުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ޤާނޫނު އަސާސީގެ ރޫޙާ ޚިލާފު އަނިޔާވެރި ހަރުކަށި ފިޔަވަޅުއަޅަން ސަރުކާރުން ފަށައިފައިވުމަކީ ޢަދާލަތު ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެއް." އާދަލަތުން ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ޕާޓީން ބުނީ ސަރުކާރާ ވާދަވެރި ސިޔާސީ ލީޑަރުންނަށް ބިރުދައްކަން ފަށައިފައިވުމުން ދޭހަކޮށްދޭ ކަމަކީ މިނިވަން އިންސާފުވެރި އިންތިހާބަކުން ރައީސް މުއިއްޒަށް ރައްޔިތުންގެ އަގްލަބިއްޔަތު ތާއީދު ނުލިބޭނެކަން އެމަނިކުފާނު ގަބޫލުކުރައްވައިފިކަމުގަ އެވެ.
ރައްޔިތުން ހަވާލުކުރި އަމާނާތާމެދު ގަދަކީރިތިވަންތަ މާތް اللهގެ ކިބަފުޅަށް ބިރުވެތިވުމާއެކު ޢަދުލު އިންސާފުގެ ތަރާދުން އެއްކިބާ ނުވުމަށް ރައީސް މުއިއްޒަށާއި ދައުލަތުގެ މަގާމުތަކުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޒިންމާއާ ހަވާލުވެތިބި އެންމެހާ ފަރާތްތަކަށް އަދާލަތުން ވަނީ ހަނދާންކޮށްދީފަ އެވެ.
މީގެ އިތުރުން އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ އަނިޔާވެރިކަން އިސްކޮށް ރައްޔިތުންގެ މައްޗަށް ބޭއިންސާފުވުމަކީ އެކަލާނގެ ގަދަފަދަ ޢުޤޫބާތް ކަނޑައަޅުއްވާފައިވާ ކަމެއްކަންވެސް ހަނދާންކޮށްދޭ ކަމަށް ބުނެފައިވެ އެވެ.
"ރައްޔިތުން ޙަވާލުކުރި އަމާނާތާމެދު ގަދަކީރިތިވަންތަ މާތް اللهގެ ކިބަފުޅަށް ބިރުވެތިވުމާއެކު ޢަދުލު އިންސާފުގެ ތަރާދުން އެއްކިބާ ނުވުމަށް ޑރ. މުއިއްޒަށާއި ދައުލަތުގެ މަޤާމުތަކުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޒިންމާއާ ހަވާލުވެތިބި އެންމެހާ ފަރާތްތަކަށް ހަނދާންކޮށްދެމެވެ. އަދި އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ އަނިޔާވެރިކަން އިސްކޮށް ރައްޔިތުންގެ މައްޗަށް ބޭއިންސާފުވުމަކީ އެކަލާނގެ ގަދަފަދަ ޢުޤޫބާތް ކަނޑައަޅުއްވާފައިވާ ކަމެއްކަންވެސް ހަނދާންކޮށްދެމެވެ." އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން ދިވެހި ރައްޔިތުންގެ މާލިއްޔަތަށް ހިޔާނާތްތެރިވުމާއި ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދައުލަތުގެ މަގާމުތަކުގައި ވަޒީފާގައި ތިބި ފަރާތްތަކަށް ތަކުރާރުކޮށް ގޮވާލާ އިލްތިމާސްކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.