ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭ ރަށްރަށާއި ދާއިރާތައް މިއަދު ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ރޭ ވަނީ އިއުލާނުކޮށް އެވެ. މިހާތަނަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ދެ ރަށެއްގެ ކައުންސިލްގެ ދެވަނަ ބުރު ބާއްވަން ޖެހެ އެވެ. އެއީ ހއ. ތަކަންދޫ އާއި ބ. ކިހާދޫ ގަ އެވެ. އެ ދެ ރަށުގެ ކައުންސިލަށް ފަސް މެންބަރުން އިންތިހާބުކުރަން ޖެހޭއިރު އެންމެ މަތިން ވޯޓް ހޯދި ހަތަރު ކެންޑިޑޭޓުންގެ ފަހަތުން ދެ ކެންޑިޑޭޓަކު ވަނީ އެއްވަރަށް ވޯޓް ހޯދާފަ އެވެ.
އީސީގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭ ރަށްތައް ފައިނަލް ކުރުމަށް އެ ކޮމިޝަންގެ ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށެވެ. އަދި އިންތިހާބާއި ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާ އެ ޝަކުވާތަކަށް ވެސް އެ ބައްދަލުވުމުގައި ގޮތެއް ނިންމާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
"އަދި އެއްވެސް ރަށެއްގައި ދެވަނަ ބުރު ބޭއްވުމަށް ފައިނަލް ނުކުރަން. މިއަދުގެ ބައްދަލުވުމުގައި އެކަން ނިންމާނީ. ދެވަނަ ބުރު ބާއްވަން މި ޖެހެނީ ފަސް މެންބަރުން އިންތިހާބުކުރާ ކައުންސިލެއް ނަމަ ފަސްވަނަ އަށް އިންތިހާބުކުރަން ޖެހޭ ކެންޑިޑޭޓަކަށް ދެ ބޭފުޅެއްގެ ވޯޓް އެއްވަރުވެއްޖެނަމަ،" ފުއާދު ވިދާޅުވި އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއިން މާލެ ސިޓީން ޕީޕީއެމަށް 13 ގޮނޑި ލިބިފައިވެ އެވެ. އެމްޑީޕީއަށް ލިބިފައި ވަނީ ހަ ގޮނޑި އެވެ. ޖުމްހޫރީ ޕާޓީއަށްއެއް ގޮނޑި ލިބިފައިވެ އެވެ. މީގެ އިތުރުން 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ ހަތް އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މަގާމެވެ.