އިންޑިއާގެ 1.6 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހދ. ކުޅުދުއްފުށި އަފީފުއްދީން ސްކޫލް އަދި ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ޤާއިމްކުރުމުގެ މަޝްރޫއު ނިމި، އެކަން ފާހަގަކުރުމުގެ ގޮތުން ވާޗުއަލްކޮށް މިއަދު ބޮޑު ރަސްމިއްޔާތެއް ބާއްވައިފި އެވެ.

އިންޑިއާ ސަރުކާރުން ހިންގާ ކިތަންމެ ކުޑަ މަޝްރޫއުއެއްގެ ނިމުން ވެސް ވަރަށް ބޮޑުކޮށް ފާހަގަކުރުން ބާއްވަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ރައްޔިތުންގެ މަޖްލީހުގެ ކުޅުދުއްފުށި އަދި ފުވައްމުލަކަށް ނިސްބަތްވާ މެމްބަރުން އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަތެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ، ދަރިވަރުން އެތަނަކަށް ލޯބިޖެހި އެތަނަކަށް އަހުލުވެރި ބައެއްކަމުގައި ދެކޭނެފަދައިން ސްކޫލުތައް ބިނާކޮށް ފަރުމާކުރުމަކީ މުހިއްމު ކަމެއް ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި އެކަމުގެ ސަބަބުން ކުދިން ބޮޑެތިވެ މުޖުތަމައުއަށް މަންފާކުރުވަނިވި ބައެއް ކަމަށް ވެގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މަޝްރޫގެ ދަށުން "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓު ޔުނިޓް"ތައް ގާއިމްކުރުމުގައި އެހީތެރިކަން ފޯރުކޮށް، މި ޔުނިޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމުތައް ހިންގައި، މި ޔުނިޓުތަކަށް ބޭނުންވާ ހާއްސަ މެޓީރިއަލް ފޯރުކޮށްދީފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ޔުނިޓުތައް ފަރުމާކުރެވިފައި ހުންނާނީ އުނގެނިގަތުމަށާއި އުނގަންނައިދިނުމަށް ފަސޭހަވާނެ މާހައުލެއް ގާއިމު ކުރުމަށެވެ. އަދި މި މަޝްރޫއު ހިންގީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެދަށުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އިންޑިއާ ސަރުކާރުގެ މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ރާއްޖޭގައި ހިންގޭ މަޝްރޫތަކަށް ހަރަދުކުރުމެވެ.