ލާމަރުކަޒީ ގާނޫނު ވުޖޫދުވުމާއެކު އުފެދުނު އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބަލަން މި މަހު 25 ގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް ބުނެ ހެދީ ދޮގުކަން ރައިސް މުހައްމަދު މުއިއްޒުގެ ރޭ ދެއްކެވި ވާހަކައިން ހާމަވެއްޖެ އެވެ.
ލ. އަތޮޅަށް ކުރައްވާ ދަތުރުގައި ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ވަކި ކައުންސިލެއް އުފެއްދުމުން ރަށު ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވަނީ އާންމު ވޯޓު ނަގާ އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އޮތުމުން ލިބޭނެ އަދަދުތައް ވެސް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ވަކި ކައުންސިލްތަކެއް އުފެދިއްޖެއްޔާ އެ ކައުންސިލަކަށް، ކައުންސިލެއްގެ ހުރިހާ ހައިސިއްޔަތެއް ލިބޭނެ ކަމަށާއި އެއީ ވަކި ބަޖެޓެއް އަންނާނެ ކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު އޮންނަނީ މުޅި ސިޓީއަށް އެއް ބަޖެޓެއް ކަމަށާއި މިހާރަކު ފޭދޫއަކަށް ވަކި ބަޖެޓެއް ނޯންނަ ކަމަށެވެ. އަދި ހުޅުދޫ އަދި މީދޫއަކަށް ވެސް ވަކި ބަޖެޓެއް ނޯންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރަށު ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޭން ނިންމާފައިވާ އުސޫލުގެ ތެރެއިން ފޭދޫ ކައުންސިލަށް 25 މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް 13 ނުވަތަ 14 މިލިއަން ރުފިޔާ އަދި މީދޫ ކައުންސިލަށް 18 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ފޭދޫއަށް ލިބޭނެ ބްލޮކް ގްރާންޓްގެ، ވަކި ކައުންސިލެއް އުފައްދައިފިއްޔާ ފޭދޫ ކައުންސިލަށް ލިބޭނެ އަހަރަކު 25 މިލިއަނެއްހާ ރުފިޔާ. ބްލޮކް ގްރާންޓުގައި. ހުޅުދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށް 13 ނުވަތަ 14 ވަރަކަށް މިލިއަން ރުފިޔާ ބްލޮކް ގްރާންޓް ގޮތުގައި. މީދޫ ކައުންސިލަށް ލިބޭނެ ގާތްގަނަޑަކަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓް ގޮތުގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ވޯޓު ނަގާ ތިން ރަށުން ވަކި ކައުންސިލެއް އުފެއްދުމުން ލިބޭނެ ބްލޮކް ގްރާންޓްތައް ސާފުކޮށްދިނީ ވޯޓުގައި ވަކި ނަތީޖާއެއް ހޯދުމުގެ ބަދަލުގައި ވޯޓުގެ ކަންކަން ނިމުމުން ވެގެންދާނެ ގޮތް ބަޔާން ކޮށްދިނުމަކީ އޮތް ޒިންމާއެއް ކަމަށް ދެކިވަޑައިގަންނަވާތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑު މިކަން ރައްޔިތުންނަށް ސާފުކޮށްލަ ދިނުމަކީ ސަރުކާރުން އެއްވެސް ކަހަލަ މީގައި އައުޓްކަމްއެއް، ވަކި ނަތީޖާއެއް ބޭނުން ނުވާ ހާލަތުގައި ވެސް ރައްޔިތުންނަށް ކަންކަން ނިމިގެންދާ ގޮތަކުން ވާނެގޮތް ބަޔާންކޮށްދިނުމުގެ ޒިންމާއަކީ އަޅުގަނޑުގެ ކިބައިގައި ވެސް އޮތް ޒިންމާއެއްކަން ފެންނާތީ ދަންނަވާލީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށްލަން ސަރުކާރުގެ އެއްވެސް ސްޓޭންޑެއް ނެތް ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، ވަކި ކައުންސިލެއް އުފައްދަން ހިތްވަރު ލިބޭ ގޮތަށް މުއިއްޒު މިވަނީ ކެމްޕެއިން ކުރައްވައިފަ އެވެ.
މީގެއިތުރުން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް ބުނާއިރު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ވަނީ މިދިޔަ ހަފްތާ ބަންދުގައި ފޭދޫއަށް ވަޑައިގެން ވަކި ކައުންސިލެއް ހެދުމަށް ކެމްޕެއިން ކޮށްފަ އެވެ.
ފޭދޫ ރައްޔިތުންނާ އައިބީ ބައްދަލުކުރައްވާ ދެއްކި ވާހަކަތަކުގެ ބައެއް އޯޑިއޯ ރެކޯޑިންތަކެއް ވަނީ ލީކުވެފަ އެވެ. އެގޮތުން އެއް އޯޑިއޯއިން ވަނީ ޓީމެއް އައްޑޫ ވޯޓާ ގުޅިގެން ޓީމެއް އޮންނަ ވަރުގަދަ މީހުންނަށް އެކަނި ވަޒީފާ ދިނުމަށް ސީދާ މުއިއްޒު އަންގަވާފައިވާކަން ވަނީ ހާމަވެފަ އެވެ.
މުއިއްޒު ވިދާޅުވީ އެ ވޯޓުގައި ރައްޔިތުން ނިންމާ ކޮންމެ ގޮތެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.
އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ކެބިނެޓުން ނިންމީ އޮކްޓޯބަރު 5، ގަ އެވެ. އެ ނިންމުން ކެބިނެޓުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.