ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.

މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްއެމްއޭއާ އެކު ބޮންޑު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެން، ބޯޑު މެންބަރުކަމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.

މާލީ ދާއިރާގެ ތަޖުރިބާކާރު ސަރުވަޝް ވިދާޅުވީ، އެ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށެވެ. އެކަމަކު، އެ ކަންބޮޑުވުންތަކާ ގުޅޭ ތަފުސީލަކަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ. އޭނާ ވިދާޅުވީ، މަގާމުން އިސްތިއުފާ ދިނީ އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ކަމަށެވެ.

އެމްއެމްއޭއަށް ޕެންޝަން އޮފީސް މެދުވެރިކޮށް ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާކަން ނުރަސްމީ ސަރުކާރުގެ އިސް އޮފިޝަލުން ޔަގީންކޮށްދެއެވެ. އެކަމަކު، އެ މުއާމަލާތާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ފެބްރުއަރީ 2024 ގައި ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމުން ވެސް އިސްތިއުފާދެއްވާފައެވެ. މިނިސްޓްރީގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ސަރުވަޝް ހުންނެވީ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ އިތުރުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައެވެ. އޭނާ ވަނީ މީގެ ކުރިން މީރާގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފައެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ އެ މުއާމަލާތް ހިންގަނީ އަމިއްލަ ކުންފުނިތަކަށް ފައިސާ ދައްކަން ކަމަށް ބުނެފައެވެ.

އެކަމަކު، ރައީސް މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް 10 ދުވަސް ތެރޭގައި އަމިއްލަ ކުންފުނިތަކަށް 2.3 ބިލިއަން ރުފިޔާ ދީ ނިންމާނީ ފައިސާ ޗާޕުނުކޮށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ފައިސާ ޗާޕުނުކުރުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ވެސް މެއެވެ. ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން އަންނަނީ އެ ތުހުމަތު ދޮގުކުރަމުންނެވެ.

އެހެންވިޔަސް މާލީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި އެމްއެމްއޭއިން އެ ފައިސާ ދިނުމުން ނުކުންނާނީ ފައިސާ ޗާޕުކުރުމުގެ އިގުތިސާދީ ނަތީޖާއެވެ.