އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް އަހަރަކަށް ލަފާކުރި އެންމެ ބޮޑު ބަޖެޓެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އާމްދަނީގައި މި އަހަރުގެ އެންމެ ބޮޑު ތަފާތަކީ، ހިލޭ އެހީ ހިމަނާފައިނުވުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 31.3 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 8.7 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް 373.6 މިލިއަން ރުފިޔާ އަންދާޒާކުރެ އެވެ.
ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 62 ޕަސެންޓެވެ. މިއީ މިއަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އަދަދެކެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ އެވެ.
2026 ގެ ބަޖެޓް
- ޖުމްލަ ބަޖެޓު - 64 ބިލިއަން ރުފިޔާ
- ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ - ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި އެ ނޫން ގޮތްގޮތަށް 8.7 ބިލިއަން ރުފިޔާ
- ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ
- ޖުމްލަ އާމްދަނީ (ހިލޭ އެހީއާ އެކު) - 40.4 ބިލިއަން ރުފިޔާ
- ހަރަދުވާނެ ކަމަށް ލަފާކުރަނީ - 49.2 ބިލިއަން ރުފިޔާ
- ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެ
- ބަޖެޓުގެ %62 ކަނޑައަޅާފައިވަނީ ރިކަރަންޓު ހަރަދަށް؛ އެއީ 39.9 ބިލިއަން ރުފިޔާ
ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ ބަޖެޓުގައި 9.3 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދަށް ކަމަށެވެ. އެއީ 2021 ގައި ސަރުކާރުން އިޝޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އޭގެ ކުރިން އިޝޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކުމަށެވެ.
"މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރ ޒަމީރު މިފަދައިން ވިދާޅުވި އިރު، ރައީސް ޑރ މުޙައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވަނީ ސަރުކާރުން މިއަންނަ އަހަރަށް ލަފާކޮށް މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށާއި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ ކަމަށެވެ.
އެ ބަޖެޓުގެ ފިސްކަލް އަމާޒުތަކަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި 2028ގެ ނިޔަލަށް އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓަށް ދަށްކުރުމެވެ. އަދި ދައުލަތުގެ ސީދާ ދަރަނި %117 ކުޑަކުރުމާއި ޕީއެސްއައިޕީ ހަރަދު %7އަށް ވުރެ މަތިނުވާނެހެން ކަނޑައެޅުމާއި ހިލޭ އެހީ ނުހިމަނައި ދައުލަތުގެ އާމްދަނީގެ ނިސްބަތުން އިންޓްރެސްޓް ހަރަދު %12 އަށް ވުރެ މަތިނުވާނެހެން ހިފެހެއްޓު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން 2028ގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ގެރެންޓީ ދީފައިވާ ދަރަނި %10އަށް ކުޑަކުރުން ވެސް ހިމެނޭ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ދުވެލި އަންނަ އަހަރު %5.3 ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި 2026 އާއި 2028އާ ދެމެދު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެވަރޭޖު ގޮތެއްގައި ހުންނާނެ ކަމަށް ލަފާކުރެވެނީ %4.9 އެވެ.
ބޮޑު ކޮރަޕްޝަނެއް ފަޅާއަރައި ފުލުހުންގެ ބަޔަކު ސަސްޕެންޑްކޮށްފި
ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.