ބޮލީވުޑްގެ މަޝްހޫރު ވެޓެރަން އެކްޓަރެއް ކަމަށްވާ ދަރްމެންދްރާ މުމްބާއީގެ ބީޗް ކެނެޑީ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދެމުން އެބަގެންދެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ދަރްމެންދްރާ ހޮސްޕިޓަލަށް ގެންދެވި އެނދުމަތި ކުރެވުނީ މީގެ ގާތްގަނޑަކަށް ދެ ދުވަހެއް ކުރިންނެވެ. އެއާއެކު އޭނާއަށް ސަޕޯޓުކުރާ މީހުންގެ މެދުގައި ކަންބޮޑުވުންތައް އުފެދުނެވެ.

އެހެން ނަމަވެސް ދަރްމެންދްރާއާ ގާތް ފަރާތަކުން ވަނީ އޭނާގެ ސިއްހަތާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދީ އެ ކަންބޮޑުވުންތައް ދުރު ކޮށްދީފަ އެވެ.

އެ ފަރާތުން ބުނެފައިވަނީ ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި ދަރްމެންދްރާ އެނދުމަތި ކުރެވުނީ ގަވާއިދުން ހަދަންޖެހޭ ރޫޓިން ޓެސްޓުތައް ހެދުމަށް ކަމަށެވެ.

ބުނެވޭ ގޮތުގައި ހޮސްޕިޓަލުގައި އެނދުމަތިވެގެން ޓެސްޓުތައް ހަދަން ގަސްދުކުރީ ވެސް ދަރްމެންދްރާ އެވެ. އެގޮތަށް ހޮސްޕިޓަލުގައި އުޅެނިކޮށް މީހަކަށް ފެނިގެން އަޑުތައް އެރީ އެވެ.

70އާއި 80ގެ އަހަރުތަކުގައި އާއްމުންގެ މަގުބޫލުކަން ހޯދި ދަރްމެންދްރާ ވަރަށް އަވަހަށް އޭނާގެ 90 ވަނަ އުފަން ދުވަސް ފާހަގަ ކުރާނެ އެވެ.