އަލަށް ތަރައްގީ ކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓާމިނަލް ހުންނަން ޖެހޭ ވަރަށް ވުރެ މާ ފިނި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިހާރު އެއާޕޯޓުގެ ފިނިހޫނުމިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައި ކަމަށާއި މިއީ މާ ބޮޑަށް ވެސް ފިނި އަދި ބޭކާރު ކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެކަމަށް އޮތް ހައްލަކީ ތަނުގެ ފިނިމިން 20-25 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް ކަމަށެވެ.

ގިނަ ބަޔަކު ވަނީ ނަޝީދުގެ އެ ވާހަކަފުޅަށް ތާއީދު ކުރައްވާފަ އެވެ. ބައެއް މީހުން ބުނީ އެ ތަނާ ބަލާއިރު 25 ޑިގްރީ ސެލްސިއަސް ވެސް މާ ފިނި ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލަކީ މި ސަރަހައްދުގައި ވެސް ހުރި އެންމެ ރީތި ޓާމިނަލެވެ.