ރައީސް މުހައްމަދު މުއިއްޒު ފުވައްމުލަކު ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުން ބައެއް ކައުންސިލަރުން ބޮއިކޯޓްކޮށްފި އެވެ.

އެ ބައްދަލުވުން ބޮއިކޯޓް ކުރެއްވީ ފުނާޑު އަވަށު ކައުންސިަލަރު އާމިނަތު އިނާޔާ އާއި ހޯދަޑު އަވަށު ކައުންސިލަރު އަބްދުﷲ ނާސިރާއި ދޫޑިގަން އަވަށު ކައުންސިލަރު އިބްރާހީމް މުހައްމަދެވެ.

އެ ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގާއި ޑެޕިޔުޓީ މޭޔަރު މުހައްމަދު ފިކްރީ ބައިވެރިވެވަޑައިގަތެވެ.

ރައީސް އޮފީހުން ބުނީ ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން އެ ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ހިއްސާކުރައްވާފައިވާ ކަމަށެވެ. އެގޮތުން ރަށުގެ ފެނާއި ކަރަންޓަށް މިހާރު ދިމާވެފައިވާ މައްސަލަ، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވީހާވެސް އަވަހަށް ހައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން ރަށުން ފެން ކެނޑުމުގެ މައްސަލައާއި، ބޯން ބޭނުންކުރާ ފެނަކީ ރައްކާތެރި ފެންތޯ ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ރަށުގެ ކަރަންޓު ކެޕޭސިޓީ ދަށްވުމުމުގެ ސަބަބުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަން ފާހަގަކުރައްވައި ރަމަޟާން މަހަށް އެ މައްސަލަ ހައްލުކޮށްދެއްވުމަށް ވެސް ކައުންސިލުން އެދުނެވެ. މީގެއިތުރުން ރަށުގެ އިންޖީނުގެ، މީހުން ދިރިއުޅޭ ހިސާބުގައި ހުރުމުން ދިމާވާދަތިތައް ހައްލުކޮށްދެއްވުމަށް، މިހާރު އަޅަމުންދާ އިންޖީނުގެ އަވަހަށް ނިންމައި އެ އިމާރާތަށް އިންޖީނުގެ ބަދަލުކޮށްދިނުމަށް ވެސް ކައުންސިލުން ވަނީ އެދިފަ އެވެ.

ރަށުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އޮފީސް ކޮމްޕްލެކްސް އިމާރާތަކީ ރަށުގައި މިހާރު ހިންގަމުން އަންނަ ސަރުކާރުގެ އޮފީސްތައް، އެއް ޢިމާރާތެއްގައި ހިންގުމަށް ވަރަށް މުހިންމު އިމާރާތަކަށްވާތީ، އެ އިމާރާތުގެ މަސައްކަތް ނިންމައިދިނުމަށް ވެސް ކައުންސިލުން އެދުނެވެ.

ފުވައްމުލަކަކީ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި، ކައުންސިލުން ވަނީ ރަށަށް ލިބޭ ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ވަކި އިންސައްތައެއް، އުސޫލެއްގެ ދަށުން ކައުންސިލަށް ލިބޭނެގޮތް ހަމަޖައްސައިދިނުމަށް ވެސް އެދިފަ އެވެ. އަދި ރަށުގައި ކުރިއަށް ގެންދާ ސިޓީ ހޮޓަލުގެ މަސައްކަތް އެމްއޭސީއެލް އިން ކުރިއަށް ގެންދަވާއިރު، ފުވައްމުލަކު ލޯކަލް ކައުންސިލް އޮތޯރިޓީއާ ގުޅިގެން ކުރިއަށް ގެންދެވުމަށްވެސް ކައުންސިލުން ވަނީ އެދިފަ އެވެ.