ގދ. ހޯޑެއްދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅު ނުވެ ތިބީ 12 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯޑެއްދޫން 44 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން 32 މީހަކު ބަލިން ވަނީ ރަނގަޅުވެފަ އެވެ. އަދި ބާކީ ތިބި 12 މީހުންނަކީ އެ ބައްޔަށް މިހާރު ވެސް ފަރުވާދެމުން އަންނަ މީހުންނެވެ.

ހޯޑެއްދޫއަކީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށަކުން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ރަށެވެ.

ހޯޑެއްދޫން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މި މަހުގެ ކުރީކޮޅެވެ. އެއާކު، އެ ރަށުގެ ގިނަ ގެތަކެއް މޮނިޓަރިން ހާލަތަށް ގެނެސް، 100 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަ ކުރެވިފައިވެ އެވެ. އަދި ރަށަށް އަރާ ފޭބުން ވެސް މަނާ ކުރި އެވެ.

ރާއްޖެ އިން މިހާތަނަށް 9،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށްޕޮޒިޓިވްވެ 34 މީހަކު ވަނީ މަރުވެފަ އެވެ. މި ބަލިން ރަނގަޅު ވެފައި ވަނީ 8،000 އަށް ވުރެ ގިނަ މީހުންނެވެ.