މިހާރު މިއޮތް ސަރުކާރަށް ވެރިކަން ކުރަން ނޭގުމަކީ، ވެރިކަން ކުރާ ނިޒާމު ބަދަލުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަދަލުކުރަން ޖެހެނީ ވެރިކަން ކުރަން ތިބި މީހުންކަމަށެވެ. އަދި އެކަންވެސް ކުރަންވާނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި، ވެރިކަމުގެ ނިޒާމާ ބެހޭގޮތުން އެ ބޭފުޅާ ތާއީދު ކުރައްވަނީ ރައްޔިތުންގެ ނިންމުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެރިކަމަށް އަންނަ ބަޔަކަށް ވެރިިކަން ކުރަން ނޭގުމަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ސަބަބެއް ނޫން. ބަދަލުކުރަން ޖެހޭނީ ވެރިކަން ކުރަން ތިބި މީހުން. އެކަން ވެސް ކުރަންވާނީ ރައްޔިތުންގެ ވޯޓަކުން، ވެރިކަމުގެ ނިޒާމާ ބެހޭގޮތުން އަޅުގަނޑު ތާއީދު ކުރަނީ ރައްޔިތުންގެ ނިންމުމަށް،" އާދަމް ވިދާޅުވި އެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށް 2008 ވަނަ އަހަރު ނެގި ވޯޓުގައި ރައްޔިތުން ތާއީދުކޮށްފައި ވަނީ ރިޔާސީ ނިޒާމަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް މެސެޖެއް ކުރައްވާ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ބޭނުންވާކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު އެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، އެ މަނިކުފާނު ބޭނުންވަނީ ގައުމު ހިންގަން ކަމަށާއި، މިހާރު އެ ހުންނަވާ ގޮތަށް އެއްފަރާތުގައި ހުންނަން ބޭނުންނުވާ ކަމަށެވެ.

ވެރިކަމުގެ ނިޒާމު ކަނޑައަޅާނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ބުނެ ރައީސް ސޯލިހު ވަނީ ނަޝީދަށް ރައްދު ދެއްވައިފަ އެވެ.

ބަރުލަމާނީއަކަށް ރާއްޖެ ބަދަލުކުރަން ބޭނުންވާ ވާހަކަ ނަޝީދު ދެންނެވެމުން ގިނަ ބަޔަކު ވަނީ އެކަމާ ފާޑު ވިދާޅުވެފަ އެވެ.